މޫސުން ގޯސްވުމުން ސަލަފުގެ ރޯދަ ހަދިޔާ އިވެންޓް ފަސްކޮށްފި

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަމުގެ ހޭލުންތެރިކަން ދިނުމުގެ ހަރަކާތަކާއެކު މިރޭ ކުރިއަށް ގެންދަން ނިންމި ޖަމިއްޔަތުއްސަލަފުގެ އިވެންޓް ފަސްކޮށްފި އެވެ.
މި އިވެންޓު ބާއްވަން ހަމަޖައްސާފައި ވަނީ މިރޭ 8:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ. ނަމަވެސް މޫސުން ގޯސްވުމުން އެ އިވެންޓް މިރޭ ނޯންނާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ދެން އިވެންޓް ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް، 'އެކްސް'ގައި އެ ޖަމިއްޔާއިން ކުރި ޕޯސްޓްގައި ބުންޏެވެ.
މި އިވެންޓްގައި 101 އިނާމު ލިބޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
މިގޮތުން ހުށަހެޅިފައިވާ ބޮޑެތި 10 އިނާމުގެ ތެރޭގައި:
- އެލިއާއިން ހަދިޔާކޮށްފައިވާ ސައިކަލެއް
- އެސްޓީއޯ އިންހަދިޔާކޮށްފައިވާ ފުރިޖަކާއި އަވަނަކާއި ބްލެންޑާއެއް
- އެލްވަން ހާޑްވެއާ އިން ހަދިޔާކޮށްފައިވާ ދޮންނަ މެޝިނަކަށާއި، ޢުމުރާ ދަތުރެއް
- އިސާހުއަހުމަދުޑޮޓްކޮމް އިން ހަދިޔާކޮށްފައިވާ ލެޕްޓޮޕެއް
- މެރިން އިކުއިޕްމަންޓްސް އިން ހަދިޔާކޮށްފައިވާ 12 ހާސް ބީޓީޔޫގެ އެއާކޯންއެއް
- ރެޑްވޭވުން ހަދިޔާކޮށްފައިވާސޯފާއެއް
- ފަރުމާ ފަރުނީޗާސް އިން ހަދިޔާކޮށްފައިވާ އެނދެއް
މި ހަރަކާތަށް ހާޒިރުވާ މީހުންނަށް ދެވޭ 101 އިނާމުގެ އިތުރުން، އޮންލައިންކޮށް މި ޙަރަކާތް ބައްލަވާ ބޭފުޅުންނަށްވެސް ހާއްސަ އިނާމުތަކެއް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ހަރަކާތުގެ އިތުރުން، ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރޯދަ މަހަށް އިސްތިގުބާލު ކުރުމުގެ ގޮތުން، ދީނީ ތަފާތު އެކި ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި ރޯދަ މަހަށް ތައްޔާރުވުމާ ގުޅޭ ދަރުސްތަކާއި، ވޯކްޝޮޕްތަކާއި، ޓީވީ ޕްރޮގްރާމްތައް ހިމެނެ އެވެ.
އަދި ރޯދަމަހުގެ ކޮންމެ ދުވަހެއްގައި ކުރިއަށް ގެންދާ މިސްކިތު ދަރުސް ޕްރޮގްރާމްތަކާއި، ހޮސްޕިޓަލްތަކުގައި ތިބޭ ބަލިމީހުންނަށާއި އެހީތެރިންނަށާއި ހޮސްޕިޓަލްތަކުގެ ސްޓާފުންނަށް ރޯދަ ވިއްލުމަށްދޭ ހަދިޔާ ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ.