ފުލުހަކަށް ހަމަލާދިން މައްސަލައިގައި ހޮޅުދޫން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

މީގެ ފަސް މަސް ދުވަސް ކުރިން ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު، މާރަނގަ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ އާ ގުޅިގެން ކުރިއަށް ގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން ފުލުހަކަށް ހަމަލާދީ، ރަށުގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ.
ފުލުހުން ބުނެފައި ވަނީ ކޯޓުގެ އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކުރީ އިއްޔެ ކަމަށެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ދެން" އަށް ވިދާޅުވީ އެ މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ވެސް ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.