ސޯޝަލް މީޑިއާގައި ކުރާ ކާބޯތަކެތީގެ ޕޯސްޓުތަކަށް ހުއްދަ ނަގާކަށް ނުޖެހޭނެ: މިނިސްޓްރީ

ކާބޯތަކެތި އިސްތިހާރު ކުރުމަށް ނުވަތަ ވިއްކުމަށް ސޯޝަލް މީޑިއާގައި ޖަހާއިރު ހުއްދަ ނަގަން ނުޖެހޭނެ ކަމަށް ހެލްތް މިނިސްޓްރީން ރޭ ބުނެފި އެވެ.
ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކާބޯތަކެތި އިސްތިހާރުކުރުމާ ބެހޭ ގަވައިދު ގެ ދަށުން އެ އޮތޯރިޓީއަށް ހުށަހަޅައިގެން ހުއްދަ ހޯދުމަށް ގަވައިދުގައި ބަޔާންކޮށްފައިވަނީ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ބާވަތެއް ނުވަތަ އެއްޗެއް ގެ މަގުބޫލުކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކަށް ކަމަށެވެ.
ނަމަވެސް ރެސްޓޯރެންޓުތަކުގައި ބޭނުންކުރާ މެނޫއާއި ކާބޯތަކެތީގެ ހިދުމަތް ނުވަތަ ވަކި ކާބޯތަކެއްޗެއް ލިބެން ހުރި ކަމަށް ބުނެ ހަދާފައިވާ ވާޗުއަލް ޕްލެޓްފޯމު ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ކާބޯތަކެތީގެ ޕޯސްޓުތަކަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހެލްތް މިނިސްޓްރީން ބުނީ މި ގަވައިދާ އެއްގޮތައް ކޮށްފައިވާ ޕޯސްޓެއްގައި ހިމެނޭ ކާބޯތަކެއްޗަކީ އެހެން ކާބޯތަކެއްޗަކާ އަޅާކިޔުން ފަދަ އިބާރާތެއް ނުވަތަ ފޮޓޯއެއް ނުވަތަ އެ ކާބޯތަކެއްޗެއްގެ މަގުބޫލުކަން ދޭހަވާ ކަމެއް ހިމަނާފައިވާނަމަ މިނިސްޓްރީގެ ހުއްދަ ނުލިބި ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ.
ކާބޯތަކެތި އިސްތިހާރުކުރުމަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ ދިރިތި ޕޯޓަލް https:/dhirithi.egov.mv މެދުވެރިކޮށް ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ނަންބަރަށް ގުޅާ މައުލޫމާތި ސާފު ކުރުމަށް އެ އޮތޯރިޓީން އެދިފައިވެ އެވެ.