ޚަބަރު

ސުއޫދު، މަހާޒު އަދި އަޒްމިރަލްދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގްރޫޕުން ބޭރުވެއްޖެ

އަލީ ސަމާޙް ، ދެން އޮންލައިން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގްރޫޕުން ބޭރުވެއްޖެކަން އެނގިއްޖެ އެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވަޓްސްއެޕް ގްރޫޕުން 3 ބޭފުޅުންވެސް ނުކުމުވަޑައިގެންނެވިކަން "ދެން" އަށް ވަނީ ޔަގީންވެފަ އެވެ.

"އޯލް ދަ ބެސްޓް" ކަމަށް ވިދާޅުވެ ހުކުރު ދުވަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިއްބަވާ ވައިބާ ގްރޫޕަކުންވެސް ސުއޫދު ނުކުމުވަޑައިގެންފައިވެ އެވެ.

އެ 3 ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް އެ ކޯޓުގައި ބުދަ ދުވަހު ހެނދުނު ފަށަން އެ އަޑުއެހުމަށް ގާތްވެފައި ވަނިކޮށެވެ.

ޖޭއެސްސީން ފަނޑިޔާރުންނަށް ފޮނުވި ނޯޓިސްގެ ކޮޕީއެއް "ދެން" އަށް ވަނީ ލިބިފަ އެވެ. އެ ނޯޓިސްގައި ހިމެނޭ ޖުމުލަތަކުގެ އިބާރާތަކީ ހަމަ އެ ކޮމިޝަނުން އާންމުކުރި ބަޔާނުގެ ނަކަލެކޭ ބުނެވިދާނެ އެވެ. އޭގެ އިތުރަށް އެއްވެސް ކަމެއް އެ ނޯޓިސްގައި ބަޔާންކޮށްފައެއް ނުވެ އެވެ.

އެންމެ ކުޑަމިނުން ފަނޑިޔާރުން ސަސްޕެންޝަނުގައި ތިބެން ޖެހޭނެ ވަކި މުއްދަތެއް ވެސް އެ ނޯޓިސްއަކުން ނޭނގެ އެވެ. ސަސްޕެންޑްކުރީ މުސާރަ ލިބޭ ގޮތަށް ކަމެއް ނުވަތަ ނުލިބޭ ގޮތަށް ކަމެއް ވެސް ނޯޓިސްގައި ބުނެފައެއް ނެތެވެ.

އޭސީސީން ބަޔާނެއް ނެރެފައި ހަމައެކަނި ބުނި ވާހަކައަކީ ކޮމިޝަނުން އެ މައްސަލަތައް ބަލަނީ ނުފޫޒެއް ނެތި ކަމަށެވެ.

އެ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލައެއްވެސް ބަލަމުން އެބަދެ އެވެ. ޖޭއެސްސީން ބަލަނީ ފަނޑިޔާރު ސުއޫދު ހައިކޯޓުގެ ރަޖިސްޓްރާ އަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެކެވެ. މަހާޒުއާ އަޒްމިރަލްދާ އަށް ޖޭއެސްސީން ތުހުމަތުކުރަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރި މައްސަލާގައި ނުފޫޒު ފޯރުވުމެވެ. އެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ.

ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗަކުން ބަލަމުން ދަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އަލީ ހުސައިނާއި އޭނާގެ ވަކީލުން ވަނީ އެ ކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ޖޭއެސްސީން ބަލަމުން ދަނީ ފަނޑިޔާރުންގެ މައްޗަށް މައްސަލައެއް އުފަން ކޮށްގެން ކަމަށާއި ސަސްޕެންޑްކުރީ ވެސް ކޮމިޝަނުގެ ގާނޫނާ ހިލާފަށް ކަމަށް އަލީ ހުސެއިން ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު މިކުރީ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކޮށްފައި ވަނިކޮށެވެ. މަޖިލީހުން ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ތަސްދީގު ނުކުރައްވަ އެވެ.