ރޯދަ މަހު ބިލުތަކުން ޑިސްކައުންޓު ދޭން 160 މިލިއަން ހޭދަވާނެ

ރޯދަ މަހު ކަރަންޓާއި ފެން ބިލްތަކުން ޑިސްކައުންޓް ދިނުމުގައި 160 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް އެންޑް އެންވާރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ މީޑީއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާވިޔަތު މުހައްމަދު ވިދާޅުވީ ޑިސްކައުންޓްދޭ ސީދާ އަދަދު ޔަގީންކަމާއެކު ބުނަން އެނގޭނީ ރޯދަ މަސް ނިމި ޑިސްކައުންޓު އަދަދުތައް ކަލްކިއުލޭޓް ކުރުމުން ކަމަށެވެ.
މުއާވިޔަތު ވިދާޅުވީ މިދިޔަ އަހަރު 140 މިލިއަން ވަރަކަށް ރުފިޔާ ފެނާއި ކަރަންޓު ޑިސްކައުންޓަށް ހޭދަވެފައިވާއިރު، މި އަހަރުގެ އެސްޓިމޭޓްތަކެއް ހަދާފައިވާ ކަމަށެވެ.
"ނަމަވެސް ޔަގީންކަމާއެކު އަދަދު އެނގޭނީ ރަމަޟާން މަސް ނިމި ޑިސްކައުންޓް އަދަދުތައް ހިމެނިގެން އައީމަ. އެހެން ނަމަވެސް ބޭނުންކުރާ އަދަދުތަކުގައި އެވްރެޖްކޮށް، އިންކްރީޒް ވަމުން އަންނަ ގޮތާއި، މަހުން މަހަށް އަންނަ ބަދަލުތަކާއި، މިއަށް ބަލާއިރު އަޅުގަނޑުމެންގެ މި ފަހަރުގެ އަންދާޒާއަކީ ގާތްގަނޑަކަށް 160 މިލިއަން ރުފިޔާ ކަރަންޓާއި ފެނުގެ ޑިސްކައުންޓަށް ސަރުކާރުން މިފަހަރު ދެއްވާނެ"
ކޮންމެ އަހަރަކުވެސް އެހެން މަސްމަހަށްވުރެ ރޯދަ މަހުގައި ފެނާއި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާކަން ފާހަގަކުރަމުން މުއާވިޔަތު ވިދާޅުވީ ބިލަށް އިތުރުވަމުންދާ ބައި ސަރުކާރުން ދައްކާދޭނެ ކަމަށެވެ. އަދި ބިލް ބޮޑު ނުވާ ގެތަކަށްވެސް މަދުވެގެން 10 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެކަން އޭނާ ފާހަގަކުރި އެވެ.
"ވެދާނެ އެވްރެޖް މަހަކަށްވުރެ ޑަބަލްވެސް. މިސާލަކަށް އެވްރެޖް މަހެއްގައި އެއްހާސް އަރަންޔާ ރޯދަ މަހުގައި ދެ ހާސް އަރައިފިއްޔާ އެ އިތުރުވާ އެއްހާސް ރުފިޔާ ސަރުކާރުން ދައްކާ ދެއްވާނެ"
މުއާވިޔަދު ވިދާޅުވީ އެހެން މަސްމަހަށްވުރެ އެތައް ގުނައެއް ބިލުގައި އިތުރުވެގެން ދިޔަނަމަވެސް އެ އަދަދު ގޭބީސީތަކުން ދައްކަން ނުޖެހޭނެ ކަމަށެވެ.
ރޯދަ މަހުގައި ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވީއިރު މި އަހަރުގެ ރޯދަ ޑިސްކައުންޓް ދޭނެ ކަމަށް އެމަނިކުފާނު އިއުލާން ކުރެއްވީ މިދިޔަ ހަފުތާގައި ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.