ޚަބަރު

ސައުދީން އިތުުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސައުދީން ކަދުރު ހަދިޔާކުރުން

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.

ރޯދަ މަހާ ގުޅިގެން ސައުދީން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންދާ އިރު މިދިޔަ ޑިސެމްބަރު މަހު ސައުދީން 50 ޓަނުގެ ކަދުރު އޮތީ ހަދިޔާކޮށްފަ އެވެ.

އަދި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިތުރު 10 ޓަނުގެ ކަދުރު ސައުދީގެ އިސްލާމިކް މިނިސްޓްރީން ރާއްޖެއަށް ހަދިޔާކުރި އިރު އެތަކެއްޗާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ސައުދީން ކުރިން ހަދިޔާކުރި 50 ޓަނުގެ ކަދުރު މިހާރު ވަނީ ބަހައި ނިންމައިފަ އެވެ.

ސައުދީ އަރަބިއްޔާ އާއި ރާއްޖެ ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރެ އެވެ.

އެހެން ނަމަވެސް ރޯދަ މަސް ފެށުމުގެ ކުރިން ކަދުރު ބެހުމުގެ މަސައްކަތް މި ފަހަރު ކުރިއަށް ދިޔައީ އަހަރުތަކަކަށް ފަހު އެވެ.