ޕޯސްޓުން އެތެރެކުރަން އުޅުނު ކިލޯއެއްގެ ޑްރަގު އަތުލައިގެންފި

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވީސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ތަކެތި އަތުލައިގެންފައިވަނީ އިއްޔެ ކަމަށެވެ.
އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ކަމަށް ކަސްޓަމުން ބުންޏެވެ. އެ އިދާރާއިން ބުނީ
އެތަކެތީގެ ބަރުދަނުގައި 1070 ގްރާމް ހުރި ކަމަށެވެ.
ކަސްޓަމުން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތި އަދި ޕެކޭޖް ބަލައި ކަސްޓަމްސްއަށް އައި، 52 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުުހުންގެ އިދާރާއިން ތަހުގީގު ކުރަމުން އަންނައިރު މި އަހަރުގެ ޖެނުއަރީ މަހުގެ 09 ވަނަ ދުވަހު ވައިގެ މަގުން ދިވެއްސަކު އެތެރެކުރަން އުޅުނު މަސްތުވާތަކެތިވެސް ކަސްޓަމުން ވަނީ އަތުލައިގެންފަ އެވެ.
ކަސްޓަމުން މިތަކެތި އަތުލައިގަތީ މިމަހުގެ 9 ވަނަ ދުވަހު އަބޫދާބީން ރާއްޖެއައި އުމުރުން 39 އަހަރުގެ ދިވެހި ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެ ފަސިންޖަރުގެ ލަގެޖުގައި މަސްތުވާތަކެތި ހޯދާފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮސިޓިވްވެފަ އެވެ.
އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 109 ގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 109000.00 (އެއްލައްކަ ނުވަހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމުން އޭރު ބުންޏެވެ.
ވައިގެ މަގުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ދޭތެރެ ދޭތެރެއިން އަތުލައިގަނެ އެވެ. އެގޮތަށް އަތުލައިގަންނަ ތަކެތީގެ މައުލޫމާތު ކަސްޓަމްސް އިން އާއްމުވެސް ކުރެ އެވެ.