ޚަބަރު

ކަރަންޓުގެ ހާލަތު ރަނގަޅެއް ނުވޭ، އިހުތިޖާޖުކުރުން ނޫން ގޮތެއް ދެން ނެތް: އައްޑޫ މޭޔަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައްޑޫ މޭޔަރު އަލީ ނިޒާރު/ ފޮޓޯ: އައްޑޫ ކައުންސިލް

އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުނުވެ ދިގުލައިގެން ގޮސްފައިވާތީ އިހުތިޖާޖުކުރުން ނޫން ގޮތެއް ދެން ނެތް ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މިރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތްދޭ ޕަވާ ސްޓޭޝަންގެ ބައެއް ޖެނެރޭޓަރުތައް ހަލާކުވެފައިވާތީ ރޯދަައާާ ދިމާކޮށް 1.8 މެގަވޯޓުގެ ޖެނެރޭޓަރެއްވެސް ފޮނުވި އެވެ. އެހެން ނަމަވެސް އަދިވެސް ދޭތެރޭ ދޭތެރެއިން ލޯޑު ނުހިފެހެއްޓި ދަނީ ކަރަންޓު ކަނޑަމުން ނެވެ.

މޭޔަރު ނިޒާރު މިރޭ ފޭސްބުކުގައި ލިޔުއްވީ އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓްގެ އަސާސީ ހައްގުން މަހްރޫމުކޮށް އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރު އޮތީ އިހުމާލުވެފައި ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާގޮތަކަށް މަސައްކަތް ކުރަމުން ނުދާތީ އައްޑޫ ރައްޔިތުންނަށް ލިބެންޖެހޭ ހައްގު ލިބި ގަތުމަށް އިހްތިޖާޖް ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށެވެ.

މޭޔަރު "ދެން" އަށް އިތުރަށް ވިދާޅުވީ ކަރަންޓުގެ މައްސަލައިގައި އިހުތިޖާޖު ކުރުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވި ނަމަވެސް އިހުތިޖާޖުތަކެއް ކުރަން ފަށަން އަދި ޕްލޭންކޮށްފައި ނެތް ކަމަށެވެ.

"މިހާރު އަހަރެއް ވެއްޖެ ކަރަންޓުގެ މައްސަލަ ހައްލުނުވެގެން އުޅޭތާ. މިކަމާ ގުޅިގެން ބައްދަލުކޮށް އެތައް ފަހަރަކު  މަޝްވަރާކުރެވިއްޖެ. ސަރުކާރުގެ އިހުމާލު ހަމަ. މިއަދުވެސް ފެނަކައަށް ގުޅުމުން ބުނީ ދެ ޖެނެރޭޓަރު މަސައްކަތް ނުކުރާ ކަމަށް،" މޭޔަރު ވިދާޅުވި އެވެ.

އައްޑޫގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ފެނަކައިން މީގެ ކުރިން ބުނި ގޮތުގައި

  • ހަލާކުވި ޖެނެރޭޓަރުގެ ތެރެއިން އެއް ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ދަނީ ހިންގަމުން
  • ދެވަނަ ޖެނެރޭޓަރު މިދިޔަ މަހު މަރާމާތުކޮށް ހިންގަން ފަށަން ދިޔައީ މަސައްކަތް ކުރަމުން.
  • ބޭރުން ސްޕެއަ ގެނެސްގެން 3 ވަނަ ޖެނެރޭޓަރު މަރާމާތުކުރުމުގެ މަސައްކަތް ކުރާނެ

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބޭތީ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު އަަހުމަދު އަޒާން މިދިޔަ ޖެނުއަރީ މަހު ވަނީ ފެނަކައިގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން ވެސް އެދިވަޑައިގެންފަ އެވެ.

އަޒާން ތުހުމަތު ކުރެއްވި ގޮތުގައި ޖެނެރޭޓަރުތަކަށް ބޭނުންވާ ސްޕެއާތައް ނުލިބި ލަސްވަނީ ފެނަކައިގެ އިސްވެރިންގެ ފަރުވާ ކުޑަކަމުންނެވެ.