ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކަލާފާނާއި ރެހެންދި ސްކޫލުގައި ފަށަނީ

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މައުލޫމާތު، ބައޯމެޓްރިކްސް (ފިންގަޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ކަލާފާނާއި ރެހެންދި ސްކޫލު ހޯލުގައި އެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ އަދަދު ދެނެގަތުމަށް ކުރިއަށް ގެންދާ "އޮޕަރޭޝަން ކުރަނގި'' ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ދެ ވަނަ ދުވަހު ކ. ހިންމަފުށިންނެވެ. މިދިޔަ މަހު މާލެ ސަރަހައްދުގައި އެ އޮޕަރޭޝަން ފަށައި އެންސީއައިޓީގައި ގާއިމުކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުގައި ބަޔޯ މެޓްރިކްސް ޑޭޓާ ނެގުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.
ވަޒީފާދޭ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން މި ރޯދަ މަހާއި ހަ ރޯދައިގައި ބަޔޯމެޓްރިކްސް ޑޭޓާ ނަގަން ނޯތު ހާބަރުގައި ހުންނަ "ދަ ޝޮޓް ހާބަރު ރެސްޓޯރެންޓް" ސަރަހައްދުގައި އިތުރު ޑެސްކެއް ފެބްރުއަރީ މަހުގެ ފަހުކޮޅު ވަނީ ގާއިމުކޮށްފަ އެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެންސީއައިޓީގައި ގާއިމުކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ނޯތު ހާބަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ ޑެސްކުގެ އިތުރުން ކަލާފާނު ސްކޫލް ހޯލުގައި ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމު އަންނަ އާދިއްތަ ދުވަހަށް ހަމަޖައްސާނެ ކަމަށެވެ.
އެ ތިން ތަނުން ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މާޗު 9 ވަނަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ފެށިގެން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:30 އިން 11:30 އަށް ކުރާނެ ކަމަށެވެ.
އޭގެ އިތުރުން ވަޒީފާދޭ ފަރާތްތަކާ ގާތުން އަދި އަވަހަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް މިރެއިން ފެށިގެން ހަ ރޯދަ ނިމެންދެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 9:30 އިން 12:30 އަށް ހުޅުމާލެ ފޭސް 1 ގެ ރެހެންދި ސްކޫލް ހޯލުގައި ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ވަނީ ބިދޭސީންގެ ބަޔޯމެޓްރިކްސް ޑޭޓާ އަންނަ އެޕްރީލް މަހުގެ 15 ވަނަ ދުވަހަށް އަޕްޑޭޓްކުރަން އަންގާފަ އެވެ. އެ މުއްދަތުގެ ތެރޭގައި މައުލޫމާތު އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް، މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓްކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
އޮޕަރޭޝަން ކުރަނގިގެ ދަށުން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ 43،294 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އޭގެ ތެރެއިން 24,540 ބިދޭސީން ރެގިއުލަރައިޒް ކުރެވިފައިވެ އެވެ. އޭގެ ކުރީގެ 5 އަހަރު 2018 އިން 2023 އަށް ރެގިއުލަރައިޒް ކޮށްފައިވަނީ 21،425 ބިދޭސީންނެވެ.
