ޚަބަރު

މުއްދަތުގެ ތެރޭގައި ޖަވާބު ފޮނުވިން، ކޯޓުގެ ހުރުމަތެއް ނުކަނޑަން: އުޝާމް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވާހަކަ ދައްކަވަނީ: ވިދާޅުވީ ސަރުކާރު ކުންފުނިތައް ބޮއްސުންލިއިރު ކަންކަން ބެލޭނެ ގޮތް އޮތީ ނުވެ ކަމަށް / ފޮޓޯ:ރައީސް އޮފީސް

ސިޔާސީ ޕާޓީން ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބާތިލްކުރަން ހުށަހެޅި މައްސަލައިގައި ދައުލަތުން ޖަވާބުދާރީވާން ސުޕްރީމް ކޯޓުން ދިން މުއްދަތުގެ ތެރޭގައި ލިޔުންތައް ހުށަހަޅާފައިވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެއިން އެވެ.

އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ޖަވާބުދާރީވާން ސުޕްރީމް ކޯޓުން އޮތީ 10 ދުވަސް ދީފަ އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ޖަވާބުދާރީވުމުގެ ގޮތުން ލިޔުންތައް ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވެ ބަންޑާރަ ނައިބުގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މިއަދު އަލީ ހުސެއިން ވަނީ މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން އުޝާމް އެކްސްގައި މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުން ދިން މުއްދަތުގެ ތެރޭގައި އެޓާނީ ޖެނެރަލް އޮފީހުން ކުރަން ޖެހޭ ކަންކަން ކޮށްފައިވާ ކަމަށެވެ.

އަދި ސުޕްރީމް ކޯޓުން ދިން މުއްދަތު އަލީ ހުސެއިން ގުނީ ވެސް ގޯސްކޮށް ކަމަށް ވިދާޅުވި އެވެ.

" ސުޕްރީމް ކޯޓުން ދެއްވާފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް. އަދި އެމުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައި. އެމުއްދަތު ހަމަވަނީ 28 ފެބްރުއަރީ 2025 އަކަށްނޫން. ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް އަޅުގަނޑު ކިޔައިނުދިނަސް އެނގޭނެކަމަށް ދެކެން." އުޝާމް ވިދާޅުވި އެވެ.

އަދި އަލީ ހުސެއިން ފާޅުގައި ފެންނަން ހުންނަ ކަންކަން އޮޅުވާލަމުންދާ ކަމަށް އުޝާމް ވިދާޅުވި އެވެ. އަދި އެއީ އަލީ ހުސެއިންގެ ނިޔަތް ސާފުވެގެންދާ ކަމެއް ކަމަށެވެ.

"މިބަރަކާތްތެރި ރަމަޟާން މަހު ތިޔަފަދަ ދޮގު ވާހަކަތައް ފަތުރައި، ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮ އަމަލެއް ކުރުމުގައި ޝާމިލްވުމަށް ނަސޭހަތްތެރިވަން،" އުޝާމް ވިދާޅުވި އެވެ.

10 ދުވަސް ގުނަން ޖެހެނީ ރަސްމީ ބަންދު ދުވަސްތައް ނުލައެވެ. އެހެންކަމުން މުއްދަތު ހަމަވާނީ ވެސް މިއަދުގެ ނިޔަލަށެވެ.

ގާނޫނުއަސާސީ މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމި ފަހުން އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ޖެހޭ ގޮތަށް ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ބިލެއް ވެސް ވަނީ ފާސްކޮށްފަ އެވެ.

އެ ބިލު ފާސްކުރި ފަހުން ތިން ޖުޑީޝަލް ސާވިސް ކޮމިޝަނުން ތިން ފަނޑިޔާރަކު ސަސްޕެންޑްވެސްކުރި އިރު އޭގެ ތެރޭގައި ހިމެނޭ ފަނޑިޔާރު ހުސްނުން ސުއޫދު މިިދިޔަ އަންގާރަ ދުވަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ފަނޑިޔާރުންގެ އަދަދު މަދުކުރާ އިސްލާހު އަދި ތަސްދީގެއް ނުކުރެ އެވެ.

Ads by Allied Insurance