ޚަބަރު

ކާނުތައް ސާފުކުރަން ކައުންސިލް މިނިސްޓްރީން ވެސް ނުކުންނަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މާލެ ސިޓީ ކައުންސިލްގެ ސްޓާފުން ކާނުތައް ސާފުކުރަނީ؛ ކައުންސިލް މިނިސްޓްރީން ވެސް ނުކުންނަނީ - ފޮޓޯ: ސިޓީ ކައުންސިލް

މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވާތީ، ކާނުތައް ސާފުކުރުމަށް ނުކުންނަން ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްްސް މިނިސްޓްރީން ނުކުންނަން މިއަދު ނިންމައިފި އެވެ.

ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް 'އެކްސް'ގައި ވިދާޅުވީ މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، މާލޭގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތް ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށެވެ.

މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކޮންމެ ވެސް ވަރަކަށް ސިޓީ ކައުންސިލުން ވެސް ކުރަމުން ދެ އެވެ. ހާއްސަކޮށް ވިއްސާރަ މޫސުމަކަށް ފަހު ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މި މަސައްކަތް ގިނައިން ކުރަން މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ނިންމަވާފައިވެ އެވެ.

ފެން ހިނދުން ލަސްވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ މަގުތަކުގެ ކާނުތަކުގައި ކުނި ގިނަވުމެވެ. މާލޭގެ މޭޔަރު އާދަމް އާޒިމް ކުރިން ވިދާޅުވެފައި ވަނީ ވެސް ފެންބޮޑުވާން މެދުވެރިވާ އެއް ސަބަބަކީ ވެސް އެއީ ކަމަށެވެ.

ފެން ހިންދުމަށް އާ ދެ ޕަމްޕެއް ވެސް އާރުޑީސީ މެދުވެރިކޮށް ސިޓީ ކައުންސިލުން ގެނެސްފައިވެ އެވެ.

މި ދެ ޕަންޕަކީ، ފެން ގަނގު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެއް ކަމަށާއި މި ޕަމްފުން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކުރެވެ އެވެ. އަދި މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1300 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕުތަކެކެވެ.

Ads by Allied Insurance