އަޒްމިރާލްދާގެ އިތުރު މައްސަލައެއް ޖޭއެސްސީން ބަލަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ އިތުރު މައްސަލައެއް ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ނަން ނުޖަހަން ޝަރުތުކޮށް "ދެން" އާ ވާހަކަ ދެއްކި ޖޭއެސްސީގެ އިސް އޮފިޝަލަކު ވިދާޅުވީ ކޮމިޝަނުން އެގޮތަށް ނިންމީ އިއްޔެ ބައްދަލުވުމުގައި ކަމަށެވެ.
ބަލަމުންދާ މައްސަލައިގެ ތަފްސީލެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ. އަދި އެކަން އަޒްމިރާލްދާ އަށް އަންގާފައިވާ ކަމެއްވެސް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.
އަޒްމިރާލްދާގެ ސުލޫކީ މައްސަލައެއްވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެ މައްސަލައަކީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އޭނާގެ ފިރިމީހާ ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ.
އެ ތުހުމަތުތައް ދޮގުކޮށް އަޒްމިރާލްދާގެ ވަކީލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ސުލޫކީ މައްސަލައެއް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ކަމަށެވެ.
މި މައްސަލަތަކަކީ އަސްލެއް، އަސާސެއްނެތި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމުގައި ދެކެމެވެ
އެ ބަޔާނުގައި ބުނީ އަޒްމިރާލްދާ ސަސްޕެންޝަނުގައި ހުންނަވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވިއިރުވެސް ބަލަމުން ދަނީ ކޮން މައްސަލައެއްކަން އޭސީސީން އަންގާފައިނުވާ ކަމަށެވެ.
"އެ މައުލޫމާތު ހޯދަން އޭސީސީއަށް ހުށަހެޅުމުން މިހާތަނަށް ހިއްސާކޮށްފައެއް ނުވޭ، އެހެންކަމުން އަސާސެއް އޮތް ތަހުގީގެއް ކޮމިޝަނުން ކުރަމުންދާކަމާމެދު ސުވާލު އުފެދެ އެވެ" އެ ބަޔާނުގައި ބުނީ، ދައުލަތުގައި ތިބި ފަރާތްތަކުން މުއައްސަސާތައް ބޭނުންކޮށްގެން މަސައްކަތް ކޮށްފައިވާތީ އެކަމާ ގުޅިގެން ޖިނާއި ތަހުގީގެއް ހިންގައި ދިނުމަށް ފެބްރުއަރީ 27 ގައި އަޒްމިރާލްދާގެ ފަރާތުން ހުށަހެޅުމުން އެ މައްސަލާގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެއް މިހާތަނަށް ފާހަގަކުރެވިފައިނުވާތީ މައްސަލަ ރަޖިސްޓްރީ ނުކުރުމަށް ނިންމާފައިވާ ކަމަށް އޭސީސީން އަންގާފައިވާ ކަމަށެވެ.
އަޒްމިރާލްދާގެ ޝަކުވާއާ ގުޅިގެން އެއްވެސް މުއައްސަސާއަކުން އެ މުއައްސަސާގެ ގާނޫނީ ޒިންމާ އަދާކޮށްފައިނުވާތީ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
"އެހެންކަމުން މި މައްސަލަތަކުގައި ދައުލަތުގެ މުއައްސަސާތަކާއި، ދައުލަތުގެ ހިންގުމާ ހަވާލުވެތިބި ފަރާތްތަކުން ގާނޫނުގެ ވެރިކަމަށް ރުޖޫއަވެ ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރަމެވެ" ބަޔާނުގައި ބުންޏެވެ.
