ޚަބަރު

ފަނޑިޔާރުންނަށް ނުފޫޫޒު ފޯރުވި ސަރުކާރު ދައްކަން އޭޖީ ހިއްސާކުރެއްވީ ތަފާސްހިސާބު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެޓާނީ ޖެނެރަލް އަހްމަދު އުޝާމް / ފޮޓޯ:ރައީސް އޮފީސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންނާ މެދު މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައި ވަނީ ކޮން ދުވަސްވަރެއްގައިކަން ތަފާސް ހިސާބުތަކުން އެނގޭ ކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

Ads by MPL

ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށްދަނިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ޖެހޭ ގޮތަށް ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ މެޖޯރިޓީ އޮންނަ މަޖިލިހުން ބިލެއް ވަނީ ފާސްކޮށްފަ އެވެ.

އެ ބިލު ފާސްކުރި ފަހުން ޖޭއެސްސީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައި ވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު ކަމަށެވެ.

"ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން "ސްލޫކީވުން" ނިމުމަކަށް ގެނައީ ނޮވެމްބަރު 2023 އިން ފެށިގެން،" އުޝާމް ވިދާޅުވި އެވެ.

އުޝާމުގެ ޕޯސްޓުގައި ވަނީ ޖޭއެސްސީން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އަދި އެ މަހުން ފެށިގެން މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ފަނޑިޔާރުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތަފާސް ހިސާބުތައް އާންމުކުރައްވާފަ އެވެ.

އެ ހިސާބުތަކުގައިވާ ގޮތުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 56 ފަނޑިޔާރަކަށް ޖޭއެސްސީން ވަނީ ފިޔަވަޅު އަޅާފަ އެވެ. އޭގެ ތެރެއިން 8 ފަނޑިޔާރަކު ވަކިކުރިއިރު، 12 ފަނޑިޔާރަކު ސަސްޕެންޑްކޮށްފައިވެ އެވެ. އަދި 3 ފަނޑިޔާރެއްގެ މަގާމު ދަށްކޮށްފައިވެ އެވެ. ސުލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި 33 ފަނޑިޔާރަކަށް އެ މުއްދަތުގައި ނަސޭހަތް ވަނީ ދީފަ އެވެ.

މި ސަރުކާރުގައި މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ފިޔަވަޅު އަޅާފައި ވަނީ 5 ފަނޑިޔާރަކަށެވެ. ޖޭއެސްސީން 3 ފަނޑިޔާރަކު ސަސްޕެންޑްކުރިއިރު، ސުލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި 2 ފަނޑިޔާރަކަށް ނަސޭހަތްދީފައިވެ އެވެ.

ސަސްޕެންޑްކޮށް ޖޭއެސްސީން އެންމެ ފުރަތަމަ ބަލަން ފެށީ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދާ ގުޅުންހުރި މައްސަލަތަކެވެ. އޭނާ އާ ގުޅޭގޮތުން ބަލަމުންދިޔަ މައްސަލަތައް އިތުރުވުމާ އެކު ސުއޫދު ވަނީ މިިދިޔަ އަންގާރަ ދުވަހު ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒު އާ ގުޅޭގޮތުން ބަލަމުންދާ މައްސަލަ އާ ގުޅިގެން ދެ ފަނޑިޔާރުން ވެސް ޖޭއެސްސީއަށް ހާޒިރުވާން މިހާރު ވަނީ އަންގާފަ އެވެ.

އެނގިފައިވާ ގޮތުން ޖޭއެސްސީއަށް ހާޒިރުވާން އަޒްމިރާލްދާއަށް އެންގީ އާދިއްތަ ދުވަހުގެ ހެނދުނު 11 ޖަހާއިރަށެވެ. މަހާޒުއަށް އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައި ވަނީ އެ ދުވަހުގެ މެންދުރުފަހު 1 ޖަހާއިރަށެވެ. އެ ދެ ފަރާތުގެ ވަކީލުން ވެސް ވަނީ "ދެން" އަށް މިކަން ކަށަވަރުކޮށްދީފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!