ޚަބަރު

ޖޭއެސްސީ އަށް ހާޒިރުވާން މަހާޒުއާ އަޒްމިރާލްދާ އަށް އަންގައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަދި ފަނޑިޔާރު އަޒްމިރާލްދާ / ފޮޓޯ:ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ އާއި ޑރ. އަޒްމިރާލްދާ ޒާހިރުއާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައާ ގުޅިގެން ދެ ފަނޑިޔާރުންވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފި އެވެ.

Ads by MPL

އެނގިފައިވާ ގޮތުން ޖޭއެސްސީ އަށް ހާޒިރުވާން އަޒްމިރާލްދާ އަށް އެންގީ އާދިއްތަ ދުވަހުގެ ހެނދުނު 11 ޖަހާއިރަށެވެ. މަހާޒު އަށް އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވަނީ އެ ދުވަހުގެ މެންދުރުފަހު 1 ޖަހާއިރަށެވެ. އެ ދެ ބޭފުޅުންގެ ވަކީލުން ވެސް ވަނީ "ދެން" އަށް މިކަން ކަށަވަރުކޮށްދީފަ އެވެ.

އެ ދެ ފަނޑިޔާރުންނާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީން ބަލަމުންދާއިރު، އެއް މައްސަލަ އަކީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލަ އެވެ. ދެވަނަ މައްސަލައިގެ ތަފްސީލެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ކުރެވޭ ތުހުމަތުތަކާ ގުޅިގެން އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލް އާއްމުކުރި ނޫސްބަޔާނެއްގައި ވަނީ އަޒްމިރާލްދާ އަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، ސުލޫކީ މައްސަލައެއް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ކަމަށް ބުނެފަ އެވެ.

އެ ބަޔާނުގައި ބުނީ އަޒްމިރާލްދާ ސަސްޕެންޝަނުގައި ހުންނަވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވިއިރުވެސް ބަލަމުން ދަނީ ކޮން މައްސަލައެއްކަން އޭސީސީން އަންގާފައިނުވާ ކަމަށެވެ.

ޖޭއެސްސީން އެންމެ ފުރަތަމަ ބަލަން ފެށީ އަޒްމިރާލްދާއާއި މަހާޒުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލަ އެވެ. ސުއޫދުގެ ބަލަމުންދިޔަ މައްސަލަތައް އިތުރުވުމާ އެކު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އިސްތިއުފާދެއްވަން ޖޭއެސްސީއަށް ފޮނުވުމުގެ ބަދަލުގައި އެންމެ ފުރަތަމަ ސިޓީ ފޮނުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސްކޮށް ރައީސް އޮފީހަށެވެ.

އެކަމަކު އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ނުލިބޭތީ ރައީސަށް އެޑްރެސްކޮށް ސުއޫދު ފޮނުވި ސިޓީ ގަބޫލުނުކުރަން ނިންމައި، އޭނާގެ މައްސަލަތަކެއް ބެލުމަށް އެ ކޮމިޝަނުން ފާސްކުރި އެވެ.

އެހެން ނިންމާފައި އޮއްވައި ސުއޫދުގެ ސިޓީ ޖޭއެސްސީއަށްވެސް ފޮނުވި އެވެ. އެ ސިޓީ ލިބުނުކަން ހާމަކޮށް އެ ކޮމިޝަނުން ނެރުނު ކުރު ބަޔާނެއްގައި ބުނީ ފަނޑިޔާރުގެ މަގާމުން ސުއޫދު އިސްތިއުފާ ދެއްވާފައިވާތީ، ފަނޑިޔާރުކަމުގެ މަގާމުން ވަކިވެފައިވާ ކަމަށެވެ.

ފަނޑިޔާރުގެ މަގާމުން ސުއޫދު އިސްތިއުފާ ދެއްވައި ޖޭއެސްސީއަށް ފޮނުވި ސިޓީގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ ގުޅިގެން ސަރުކާރުން ގާނޫނު އަސާސީ އާ ހިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ގާނޫނު އަސާސީގެ މާއްދާއަކާ ހަވާލާދެއްވާ ސުއޫދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް އެދިވަޑައިގަންނަވާ ގޮތަށް ނިންމުމަށް "ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ" ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"އެކަމާ އިހުތިޖާޖްކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާދީފީމެވެ،" ސިޓީގައިވެ އެވެ.

ސުއޫދު ތުހުމަތު ކުރެއްވި ގޮތުގައި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅެނީ ރައީސް މުއިއްޒުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ޖޭއެސްސީގެ ރައީސް އަދި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާގެ އިތުރުން އޭސީސީގެ ރައީސް އާދަމް ޝާމިލް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!