16th April 2025, Wednesday

ޚަބަރު

އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި ގައުމެއް ދެމި ނޯންނާނެ: ރައީސް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ޖަލްސާ އެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

އަންހެނުންގެ ފުރިހަމަ ބައިވެރިވުމާ، އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ގައުމެއް، ވަޒަނެއް ދެމި ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހާއްސަ ހިތޯބުގައި ރައީސް ވިދާޅުވީ  ތައުލީމާއި، ސިއްހަތާއި، އިޖްތިމާއީ އަދި މި ނޫން ހިދުމަތްތަކާއި، ވެރިކަން ހިންގުމާއި، ވިޔަފާރިއާއި އިގްތިސޯދީ މަސައްކަތްތަކާއި އަދި މުޖްތަމައެއްގެ ދިރުމާއި ކުރިއެރުމާއި ގުޅިފައިވާ ކޮންމެ ކަމެއްވެސް ހިނގަމުންދަނީ އަދި ކާމިޔާބުވެ ކުރި އަރަނީ އަންހެނުންގެ ފުރިހަމަ ބައިވެރިވުމުން ކަމަށެވެ.

ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖްމަތައުގައި އަންހެނުންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއިއެކު އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުން ކަމުގައި ރައީސްގެ ހިތޯބުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރައީސް ވިދާޅުވީ ދިވެހި ތާރީހުގެ އެންމެ ކުރީގެ ލިޔެކިޔުންތަކުގައިވެސް ދިވެހި އަންހެނުންގެ ހީވާގިކަމާއި، މުރާލިކަމާއި، ގެވެހިކަމާއި، ސާފުތާހިރުކަމަށް ލޯބިކުރުމާއި، ގައުމީ އަދި އިޖްތިމާއީ ކަންކަމުގައި ދޭ ބޮޑު އަހައްމިއްޔަތުގެ ވާހަކަތައް ފެންނާން ހުރި ކަމަށެވެ. މިއީވެސް ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް، ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިން ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

އަންހެނުންނަކީ ދިވެހި އާއިލާތަކަށް އޯގާތެރިކަމާއެކު ހޭހަންކުރާ ފަރާތްތައް ކަމަށާއި، ދިވެހި އުންމަތުގެ ތަރައްގީއާއި ތަމައްދުނަށްޓަކައި މިހާތަނަށް ކުރެވުނު ކާމިޔާބު ކޮންމެ މަސައްކަތެއްގައިވެސް ދިވެހި އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން ދިވެހި އަންހެންނަށްޓަކައި ގައުމު އަބަދުވެސް ފަހުރުވެރިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ހިތޯބުގައި މުޖްތަމައުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ހިދުމަތްތެރީންކަމާއި، ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތަ ގިނަގުނަކަން ވަނީ ފާހަގަކުރައްވާފަ އެވެ.

"އަންހެނަކަށް އުންގަންނައިދިނުމަކީ ޖީލަކަށް އުންގަންނައިދިނުން" ކަމަށް ބުއްދިވެރި ބަހެއްގައި ބުނާކަން ފާހަގަކުރައްވަމުން، ސާނަވީއާއި މަތީ ސާނަވީ އަދި ޔުނިވާސިޓީ ތައުލީމުގެ މަރުހަލާގައިވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭއިރު، މަތީ ނަތީޖާ ހޯދާ ގިނަ ދަރިވަރުންނަކީވެސް އަންހެން ދަރީންކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މިއީ މި ގައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެއްގެ ގޮތުގައިވެސް ރައީސް ވަނީ ސިފަކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ އަންހެނުންގެ ހައްގުތައް އެންމެ ހެޔޮ ގޮތުގައި ކަނޑައަޅައިދީ، މުޖްމަތަމައުގައި އަންހެނުންގެ ގަދަރާއި އިއްޒަތާއި މަގާމް މަތިވެރިކޮށްދިނީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!