ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 58 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އިންޑިއާގެ ކަސްޓަމްސްއިން ހިފަހައްޓާފައި / ފޮޓޯ:އިންޑިއާ ޓައިމްސް

އިންޑިއާގެ ޓެމިލްނާޑޫގެ ޓުޓިކޮރިން އިން ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 58.5 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަތުލައިގެންފައިވަނީ ލުއިކާނާ ފަދަ ތަކެތި ހުންނަ ޕެކެޓުތަކުގައި ބަންދުކޮށްފައި ހުރި ޑްރަގެވެ.

ނޫސްތަކުން ބުނީ އެ އޮޕަރޭޝަން ހިންގާފައިވަނީ އިންޑިއަން ކޯސްޓް ގާޑް (އައިސީޖީ) އާއި ޑައިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) ގުޅިގެން ކަމަށެވެ.

އެ އޮޕަރޭޝަނުގައި 30 ކިލޯގެ ހަޝިސްއޮއިލް އަތުލައިގެންފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. އަދި އެއީ ބައިނަލްއަގްވާމީ މާކެޓުގައި ގާތްގަނޑަކަށް 33 ކްރޯރުގެ ތަކެތި ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

މިދިޔަ މަހުގެ 5 ވަނަ ދުވަހު އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޓުޓިކޮރިން ބަނދަރުން މާލެއަށް ދަތުރުކުރަމުންދިޔަ ޓަގު ބޯޓެއްގައި މަސްތުވާތަކެތީގެ ޝިޕްމަންޓެއް ހުރިކަމުގެ މައުލޫމާތު ޑީއާރްއައިއަށް ލިބުމާ ގުޅިގެންނެވެ. އައިސީޖީގެ ދެ އުޅަނދު ފޮނުވައި، އެ ބޯޓު އަތުލައިގަތީ 40 ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށްފަހު އެވެ.

ނޫސްތަކުން ބުނީ ބޯޓު ޓުޓިކޮރިން އަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބޯޓުގައި ތިބި 9 މީހުން ޑީއާރްއައިއާ ހަވާލުކުރީ މިދިޔަ ހުކުރު ދުވަހު ކަމަށްވެސް ނޫސްތަކުން ރިޕޯޓު ކޮށްފައިވެ އެވެ.

Ads by Allied Insurance