އައްޑޫ އިން ކަރަންޓު ކެނޑޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އައްޑޫ ސިޓީއާ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭތީ، އެ މައްސަލަ ވަގުތުން ހައްލުކޮށްދިނުމަށް އެދި އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ހުށަހެޅި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް އެވެ.
މައްސަލަ ބަލައިގަތުމާ މެދު 13 މެންބަރުން ވޯޓު ދެއްވިއިރު 47 މެންބަރުން ވޯޓު ދެއްވީ ބަލައިނުގަތުމަށެވެ.
ނާޒިލް ހުށަހެޅި މައްސަލާގައި ވިދާޅުވީ އައްޑޫއާ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، އަދި ފޭދޫއަކީ 30،000 އަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސޓީއަކަށް ވާއިރު އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ.
މި ރޯދަ މަސް ފެށެންވާއިރަށް ކަރަންޓުގެ މައްސަލަ ހައްލުކޮށްދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވީނަމަވެސް، އެކަމަށް ސަރުކާރުން އިހުމާލުވުމުގެ ސަބަބުން އައްޑޫގެ އާންމު ރައްޔިތުންނަށް އެތަކެއް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން އެ ސިޓީގެ އިދާރާތްތަކުން ދޭން ޖެހޭ ހިދުމަތްތަކަށް ފުށޫއަރާ، ރައްޔިތުންގެ އަގުބޮޑު މުދަލަށް ގެއްލުންވަމުންދާ ކަމަށާއި އެ ސިޓީގައި މީހުން ދިރިއުޅެމުން ދަނީ ހާސްކަމާއި ދަތިކަމުގެ ތެރޭގައި ކަމަށްވެސް ނާޒިލް ފާހަގަކުރި އެވެ.
މި މައްސަލަތައް ދިމާވަނީ އައްޑޫގެ ކަރަންޓު ހިދުމަތްދޭ އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ހުރި 3 ޖެނެރޭޓަރު ސެޓު މަރާމާތު ނުކުރެވި ހުރެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އެ މައްސަލަ ވަގުތީ ގޮތުން ހައްލުކުރެވޭނީވެސް 3 މެގަވޯޓްގެ 2 ޖެނެރޭޓަރުންކަމަށް އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަނުން ބުނެފައި ވަނިކޮށްވެސް، އެ ސްޓޭޝަނަށް ގެންގޮސްފައިވަނީ 1.8 މެގަވޯޓުގެ ޖެނެރޭޓަރެއްކަން ފާހަގަކުރި އެވެ. އަދި މިއީ އެ ސިޓީ އަށް ބޭނުންވާ ކެޕޭސިޓީ ނޫންކަމަށްވެސް ނާޒިލް ވިދާޅުވި އެވެ.
އެ މައްސަލައިގައި އޭނާ އިތުރަށް ފާހަގަކުރެއްވީ:
- ޔޫޓިލިޓީއާ ގުޅޭ ގާނޫނުތަކާ އެއްގޮތަށް ސަރުކާރުން އަމަލުކުރަމުން ނުދޭ
- ކަރަންޓު ކަނޑާލުމުގެ ކުރިން ނޯޓިސް އެއް ނުދޭ
- ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ
- ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީއެއް ނުވޭ
ނާޒިލް ހުށަހެޅި ކުއްލި މައްސަލާގައި އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ވަގުތުން ވަގުތައް ހައްލުކުރުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.
