އަޒްމިރާލްދާ މާދަމާ ޖޭއެސްސީއަށް ހާޒިރުކުރީ

ސަސްޕެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އަށް މާދަމާ ހާޒިރުވާން އަންގައި އެވެ.
ޖޭއެސްސީ އަށް އަޒްމިރާލްދާ ހާޒިރުކުރަނީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުގެ މައްސަލަ އަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.
އަޒްމިރާލްދާ ޖޭއެސްސީއަށް ހާޒިރުވާން ކުރިން އޮތީ އާދިއްތަ ދުވަހު 11 ޖަހާއިރަށެވެ. އެކަމަކު އޭގެ ފަހުން މިއަދަށް ބަދަލުކުރި އެވެ. އެކަމަކު މިއަދުވެސް ހާޒިރުވާން ޖެހޭ ވަކި ގަޑިއެއް އަންފާއިނުވާއިރު މިއަދުގެ އަޑު އެހުންވެސް ވަނީ ކެންސަލްކޮށްފަ އެވެ.
އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލް "ދެން'' އަށް މިއަދު ވިދާޅުވީ މާދަމާ ހެނދުނު 10 ޖަހާއިރު ޖޭއެސްސީ އަށް ހާޒިރުވާން އަޒްމިރާލްދާ އަށް އަންގާފައިވާ ކަމަށެވެ.
ޖޭއެސްސީން ބަލަމުންދާ އަޒްމިރާލްދާގެ ސުލޫކީ މައްސަލައާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން 3 ސިޓީއެއް އަޒްމިރާލްދާ އެ ކޮމިޝަނަށް ފޮނުވި އެވެ. އެއީ މައްސަލަ ބަލާ ކޮމިޓީގެ މެންބަރުންގެ ތަފްސީލު ހޯދުމަށާއި، ތަހުގީގުކުރާ ސުލޫކީ މައްސަލައިގެ ހުރިހާ އަޑުއެހުުންތަކެއް އާއްމުކޮށް ހުޅުވާލައިގެން ބާއްވައިދިނުމަށެވެ.
އެ ސިޓީ ތަކުގެ ތެރެއިން ޖޭއެސްސީން ޖަވާބު ދިނީ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް އެދުނު މައްސަލަ އެވެ. އެ މައްސަލާގައި ޖޭއެސްސީން ބުނީ، އަޑުއެހުން އާއްމުކޮށް ހުޅުވާލައިގެން ގެންގޮސްފިނަމަ މުޖުތަމައުގެ އާއްމު މަސްލަހަތަށް ގެއްލުން ވެދާނެކަމަށެވެ.
އަޒްމިރާލްދާގެ އިތުރު މައްސަލައެއްވެސް ޖޭއެސްސީން އެބަ ބަލަ އެވެ. އެއީ ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް، ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި މަޖިލީހެއް ގައި އަޒްމިރާލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލަ އެވެ.
