ޚަބަރު

ރާއްޖޭގެ އެކި ހިސާބުތަކަށް މިރޭ ވިއްސާރަ ވާނެ ކަމަށް ލަފާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބޯކޮށް ވާރޭވެހުނު ދުވަހެއްގައި މާލޭގެ މަގެއްގައި ފެން ބޮޑުވެފައި / ފޮޓޯ:ދެން އިމޭޖްސް

ރާއްޖޭގެ އެކި ހިސާބުތަކަށް މިރޭ ވިއްސާރަ ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ މޫސުން ގޯސްވާން މެދުވެރިވީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭތީ ކަމަށެވެ،

އެގޮތުން މާދަމާ ފަތިހު ހަޔަކާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

"މެދު ރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ،" މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން އިތުރަށް ބުނީ

  • މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އިރު އިތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ
  • ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ
  • ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ، އެހެން ހިސާބުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ

މާދަމާގެ އިތުރުން ބުދަ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ އިރު ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Ads by Allied Insurance