ޚަބަރު

ކުރީ ސަރުކާރުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނެއް ދައްކައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕީސީބީ ހިންގަމުން އަންނަ ފިނޭންސް އިމާރާތް / ފޮޓޯ:ދެން އިމޭޖްސް

ނިމިގެން ދިޔަ ވެރިިކަމުގައި ބަޖެޓު ސަޕޯޓަށް 2022 ވަނަ އަހަރު އެމެރިކާގެ ޕްރައިވެޓް ކްރެޑިޓާއެއް ކަމަށްވާ ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން 100 މިލިއަން ޑޮލަރުގެ ލޯނު ދައްކައި ނިންމައިފި އެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ މާޗު މަހު ނެގި އެ ލޯނު ނެގީ ތިން އަހަރުން ދައްކާ ގޮތަށް 7.15 އިންޓްރެސްޓުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "ދެން"އަށް ވިދާޅުވީ އެ ލޯނު މި މަހު ދައްކައި ނިންމާފައިވާ ކަމަށެވެ.

ކުރިން ރައްޔިތުންގެ މަޖިލީހާ ފިނޭންސްއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިންޓްރެސްޓާއި އަދި އެހެނިހެން ފީތަކާއެކު އެ ލޯން އެއްކޮށް ދައްކައި ނިމޭއިރު 126 މިލިއަން ޑޮލަރު ވަރު ދައްކަން ޖެހޭނެ އެވެ.

ރާއްޖޭގެ ދަރަނި ފާއިތުވި އަހަރުތަކުގައި އިންތިހާއަށް ވަނީ އިތުރުވެފަ އެވެ. އަދި އަންނަ އަހަރު 500 މިލިއަން ޑޮލަރުގެ ދަރަނި އެއް ފަހަރާ ދައްކަން ޖެހޭތީ އެ ފައިސާ ރީ ފައިނޭންސް ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އަަހަރުގެ އޮގަސްޓު މަހު ބުނެފައިވެ އެވެ.

ދަރަނި އިންތިހާއަށް އިތުރުވެފައިވާތީ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތައް އަޅަން ވަނީ ފަށައިފަ އެވެ. އެގޮތުން އާސަންދަ ފަދަ ސަބްސިޑީތަކަށް ކުރާ ހޭދަތައް ވަނީ ކުޑަކޮށްފަ އެވެ.

އަދި ގާނޫނު އިސްލާހުކޮށް ބޭރު ފައިސާ މާރުކުރަން މި އަހަރު ފަށައިފައިވާ އިރު ރިޒާވް ވަނީ 700 މިލިއަން ޑޮލަރަށް އަރައިފަ އެވެ. އަދި ބޭނުން ކުރެވޭ ރިޒާވްވެސް މިދިޔަ މަސް ނިމުނިއިރު ވަނީ 179 މިލިއަން ޑޮލަރަށް އަރައިފަ އެވެ.

 

Ads by Allied Insurance