ޚަބަރު

އަަޒްމިރާލްދާ ވިދާޅުވީ ކުރަނީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް

އަލީ ސަމާޙް ، ދެން އޮންލައިން
ޖޭއެސްސީގެ އަޑުއެހުމަށް ފަނޑިޔާރު އަޒްމިރާލްދާ ހާޒިރުވަނީ/ ފޮޓޯ: ދެން

ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ސަސްޕެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.

Ads by STELCO

މިއަދު ހެނދުނު 10 ޖެހިއިރު އަޒްމިރާލްދާ ޖޭއެސްސީ އަށް ހާޒިރުކުރި މައްސަލައަކީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުގެ މައްސަލަ އަށް ނުފޫޒު ފޯރުވުމެވެ.

ޖޭއެސްސީގެ އަޑު އެހުމަށް ފަހު އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝާމިލް "ދެން" އަށް ވިދާޅުވީ ޖޭއެސްސީންކުރާ ތުހުމަތުތަކަށް ފަނޑިޔާރު އަޒްމިރާލްދާ އިންކާރު ކުރައްވާފައިވާ ކަމަށެވެ.

"އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް" އަޒްމިރާލްދާ ޖޭއެސްސީގައި ވިދާޅުވި އެވެ.

އަޒްމިރާލްދާ ސަސްޕެންޑްކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭނާއާ ދެކޮޅަށް ޖިނާއި ތަހުގީގެއް ހިންގަމުންދާތީ އެވެ. އެ މައްސަލާގައި އޭސީސީގެ ރައީސް އާދަމް ޝާމިލް މަގާމުގެ ނަހަމަ ނުފޫޒު ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓުވި ކަމަށް ބުނެ އަޒްމިރާލްދާ ވަނ އޭސީސީއަށް އިއްޔެ މައްސަލައެއް ހުށަހަޅާފަ އެވެ.

އޭސީސީއަށް ފޮނުވި ސިޓީގައި އަޒްމިރާލްދާ ވިދާޅުވީ އެ ކޮމިޝަންގެ ރައީސް ޝާމިލް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމަނައި ޖޭއެސްސީ އަށް ފޮނުވި ސިޓީއަކީ ސުޕްރީމް ކޯޓުގައި ތާވަލުކުރެވިފައިވާ ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

އާއްމު އިޖުރާތްތަކާ ހިލާފަށް ޝާމިލް ސިޓީ ފޮނުވާފައިވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދަން ބަންޑާރަ ނައިބުގެ ފަރާތުން ބޭނުންވާތީ އެ މަގުސަތު ހާސިލުކޮށްދިނުމަށާއި، އަދި އޭސީސީގެ ރައީސަކީ ރައީސް އައްޔަންކުރައްވާ ފަރާތެއް ކަމަށްވާތީ އަމިއްލަ މަގާމު ދިފާއުކުރުމުގެ މަސްލަހަތުކަމުގައިވެސް ދެކޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންވެ އޭނާއާ ދެކޮޅަށް ޖިނާއި ތަހުގީގު ހިންގައިދޭން ސިޓީގައި އެދިވަޑައިގެންނެވި އެވެ.

Ads by HDC