ޖަމާއަތްތެރިންނަށް ގަބުރުސްތާނު އެލަވަންސް މާލެ ސިޓީ ކައުންސިލުން ދެނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ޖަމާއަތްތެރިންނަށް ދެމުން އައި "ގަބުރުސްތާން އެލަވަންސް" އިން އުނިކުރިބައި، މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން މަސައްކަތްކުރާ ޖަމާއަތްތެރިންނަށް ދިނުމަށް އެ ކައުންސިލުން ނިންމައިފި އެވެ.
"ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް" އާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަނުން ހުރިހާ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލުންނަށް މިދިޔަ އާދިއްތަ ދުވަހު ވަނީ ސާކިއުލާއެއް ފޮނުވާފަ އެވެ. އެ ސާކިއުލާއެއްގައި ބުނެފައި ވަނީ މަރުވާ މީހުން ވަޅުލުމުގެ މަސައްކަތްކުރާ މީހުންނަށް ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް ދިނުމުގައި މާލިއްޔަތު ގަވައިދަށް ފުށޫ ނާރާގޮތަށް، ކައުންސިލުގެ ފުދުންތެރި ކަމަށް ރިއާޔަތްކޮށް ކައުންސިލުން ކަނޑައަޅާގޮތެއްގެ މަތިން އަމަލު ކުރުމަށެވެ.
އެ އެލަވަންސް ސިވިލް ސާވިސް ކޮމިޝަނުން އުވައިލި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ޖަމާއަތްތެރިންނަށް އަލުން އެ އެލަވަންސް ދިނުމަށް ކައުންސިލުން ނިންމީ، ބުދަ ދުވަހު އޮތް ކައުންސިލުގެ 4 ވަނަ ދައުރުގެ 187 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ކައުންސިލުގެ ޖަލްސާއަށް އެކަން ހުށަހަޅައިދެއްވައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ ޖަމާއަތްތެރިންނަކީ މުހިންމު އަދި މާތް މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ. ކުއްލިއަކަށް ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި، ޖަމާއަތްތެރިންގެ އެލަވަންސް ކަނޑާލުމަކީ އެއްވެސް އިންސާފުވެރި ކަމެއް ނެތި ކޮށްފައިވާ ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.
މޭޔަރު ވިދާޅުވެފައިވާ ގޮތުގައި ޖަމާއަތްތެރިންގެ މުސާރައިން އުނިކުރި 1،500 ރުފިޔާ ސިޓީ ކައުންސިލުން ދެމުން ގެންދާނީ ކައުންސިލުގެ ބަޖެޓުން ކަމުގަ އެވެ. އެކަން ކުރުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވެފައި ވަނީ ރޯދަ މަހެއްގައި ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި ޖަމާއަތްތެރިންގެ އެލަވަންސް ކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތަށް އެލަވަންސް ކަނޑާ ކަމަށްވާ ނަމަ، ޖަމާއަތްތެރިން ނޫނަސް، ސިވިލް ސާވިސްގެ އެހެން މުވައްޒަފުންގެ އެލަވަންސް ވެސް ކަނޑާލަފާނެކަމުގެ ބިރު އޮތް ކަމަށެވެ.
ދާދިފަހުން މޭޔަރު އާޒިމް ވަނީ އާސަހަރާގަޔާއި ހުޅުމާލެ ސަހަރާގައި މަސައްކަތް ކުރަމުން އަންނަ ޖަމާއަތްތެރިންނާ ބައްދަލުކުރައްވާފަ އެވެ.