ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ ޑްރަގު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު އަތުލައިގެންފި އެވެ.
ކަސްޓަމުން ބުނީ ޑްރަގު އަތުލައިގެންފައި ވަނީ އިއްޔެ ކަނޑުމަގުން ރާއްޖެ އައި ޝިޕްމަންޓެއް ބަލައި ފާސްކުރުމަށް ރޭ ފަތިހު ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
ކަސްޓަމުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އަތުލައިގަތް ތަކެތީގެ ތަފްސީލު ހިއްސާކޮށްފަ އެވެ.
އެއީ:
- މެތަމްފެޓަމިން - (2138) ގްރާމް
- ކެޓަމިން - (1086) ގްރާމް
- ހެރޮއިން - (310) ގްރާމް
ކަސްޓަމުން ބުނީ އެ ތަކެތީގެ ޖުމްލަ ބަރުދަނުގައި 3.5 ކިލޯގްރާމް ހުރި ކަމަށެވެ. އަތުލައިގަނެވުނު ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަނެވުނު ޑްރަގު ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.
