ލައިފްސްޓައިލް

ހަސަދަވެރިކަން ސިހުރަށް ދައުވަތު ދެއެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިވެހިރާއްޖޭގައި އެންމެ ޤަދީމީ ޒަމާނުއްސުރެން ފެށިގެންވެސް ސިހުރުހެދުމަކީ ދިވެހިންގެ ކަށިގައި ހިފާފައިވާ ކަމެކެވެ. ދުނިޔޭގައި އުޅޭ އިރު އެހެންމީހުނަށް ލިބޭ އެކި އެކި ކާމިޔާބީތަކުގައި ތިބާއާއި އެ އުފަލުގައި ޝާމިލު ވާނެ މީހުން ވާފަދައިން ތިމާއަށް އެ ކާމިޔާބީ ލިބުނުކަމަށްޓަކައި ތިމާއާ ދޭތެރޭ ހަސަދަވެރިވާ އެތައް މީހުނެއް ވެސް އުޅެއެވެ. އަދި އެފަދަ ބައެއް މީހުން އެއްވެސް ކަމެއް ކުރާކަށް ޖެހިލުމެއް ނުވެއެވެ.

Ads by Sosun Fihaara

ސިހުރު ހެދުމަކީ މާތް الله ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަ ތަކުގެ ތެރެއިންވާ ފާފައެކެވެ. އެހެނީ އެއީ ޝިރުކު ކުރުމެވެ. އިސްލާމް ދީނުގައި މި ކަމުގެ ހައްދަކީ ސިހުރުވެރިޔާގެ ބޯ ބުރިކޮށްލުމެވެ. ސިހުރު ހެދުމާއި އެކަމުގައި އެހީތެރިވުމަށް ވެސް އަންނަނީ އެއް ހުކުމެކެވެ.

ގިނަ ފަހަރަށް މީހެއްގެ ކާމިޔާބީއަށް ހުރަސް އެޅުމަށް ގިނަ ބަޔަކު ކުރަމުން އަންނަ ކަމަކީ އެމީހާއަށް ސިހުރު ހެދުމެވެ. އޭގެ ތެރެއިން އެއް ސިހުރަކީ އެއްވެސް ގޮތަކަށް ކުރިއެރުން ނުލިބޭ ގޮތަށް ހަދާ ސިހުރެވެ. އެ ސިހުރުގެ ސަބަބުން އަނެކާގެ މުޅި ދިރިއުޅުން ޚަލާސް ވެދެއެވެ. އެއްވެސް ކުށަކާއި ނުލާ، އެހެން މީހެއްގެ ހަސަދައިގެ ސަބަބުންނެވެ.

އަނެކާ ކާމިޔާބު ވުމުން އެކަމާ ހަސަދަވެރިވާންވީ އެއްވެސް ސަބަބެއް ނެތެވެ. ކާމިޔާބީ އަކީ ތިމާގެ ފަހަރުން ދުވާ އެއްޗެއް ނޫނެވެ. ބަދަލުގައި ތިމާ ޖެހޭނީ ކާމިޔާބީ ފަހަތުން ދުވާށެވެ. އަނެކާ ކުރި މިންނެތް މަސައްކަތުން ލިބުނު ކާމިޔާބީ އާއި ދޭތެރޭ ހެޔޮކޮށް ވިސްނާށެވެ. އޭގެން ފިލާވަޅު އުނގެނި ތިބާވެސް ހަމަ އެފަދައިން ކާމިޔާބީއަށް އެދި ގަދައަޅައި މަސައްކަތް ކުރާށެވެ.

ކާމިޔާބީ އެކަންޏެއް ނޫނެވެ. މާތް الله ހުރިހާ އިންސާނުން އުފައްދާފައިވަނީ އެކި ގޮތްގޮތަށެވެ. ބައެއް މީހުން ސިފައިން ރީތި ނަމަވެސް އަނެއްބައި މީހުން ސިފައިން ހުތުރު ވެދާނެއެވެ. އެހެން ނަމަވެސް މިކަމުގައިވެސް ބައެއް މީހުން ހަސަދަވެރިކަން އިސްކުރެއެވެ. އަދި އަނެކާގެ ފުރާނަ ނައްތާލުމަށްޓަކައި ވެސް ސިހުރު ހަދައެވެ. މިފަދަ ކަންކަން ކުރަން އެއްވެސް ވަރަކަށް ޖެހިލުން ނުވެއެވެ.

ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގައި ﷲ سبحانه وتعالى ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އެހެނެއްކަމަކު، އެ ޝައިތާނުން ކާފިރު ވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައި ދިނުމުންނެވެ". މިކަމުން ވެސް ސިހުރުގެ ނުބައި ކަން ދޭހަ ވެގެންދެއެވެ.

ދުނިޔޭގައި އުޅޭއިރު އެކި ކަންކަމަށް މީހުން ސިހުރު ހަދާއިރުގައި، މީގެން ގިނައީ ހަމަ ހަސަދަވެރިކަމުގެ ސަބަބުން ހަދާފައިވާ ސިހުރެވެ. ހަސަދަވެރިކަމަކީ ހާދަހާ ނުބައި ސިފައެކެވެ. ހަގީގަތުގައި ވެސް ހަސަދަވެރިކަމަކީ ސިހުރަށް ދައުވަތު ދޭ ކަމެއްކަން ގައިމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!