ސިޔާސީ ހަސަދަވެރިކަމުގައި ކުއްޖެއްގެ އިއްޒަތް ނަގާލާނަމަ ހަރުކަށި އަދަބު ދޭން ޖެހޭ - އަބްދުއްރަހީމް

ކުޑަކުދިންގެ އިއްޒަތާއި އަބުރު ނަގާލާނަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ މިއަދު ގޮވާލައްވައިފި އެވެ.
އަބްދުއްރަހީމް އެގޮތަސް ވިދާޅުވީ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަކުން މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ތުހުމަތުކޮށް އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ވާހަކަ ދެއްކި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އަބްދުއް ރަހީމް އެކްސްގައި ވަނީ ޒާތީ ހަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މައުސޫމް ކުދިންގެ ހައްގުތަކަށް އަރައިގަނެ އަބުރާ އިއްޒަތް ނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބަލުގައި އަޅުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
"ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރީމާ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމަ އެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދަވައިނުލައްވާ އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން އެބަޖެހޭ." އަބްދުއް ރަހީމް ވިދާޅުވި އެވެ.
ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން އެމްޑީޕީގެ މުޒަހަރާގައި ވާހަކަ ދެއްކެވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަރިޔަޒް ޒުބައިރު(މަންދީ) އެވެ.
މަންދީގެ ވާހަކަތައް އިލެކްޝަންސް ކޮމިޝަންއިން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެ މައްސަލަ އާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ވަނީ ކުޑަކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ހިޔާލު ފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ފާހަގަކޮށްފަ އެވެ. އެކަން ކުށްވެރިކޮށް އެޗްއާރުސީއެމުން ވަނީ އެފަދަ ކަންކަން ހުއްޓުވުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާފަ އެވެ.
