ޕެންޝަން އޮފީހުގެ ބޯޑަށް މަޖީދު އަދި ސަރުވަޝް އައްޔަނުކޮށްފި

ޕެންޝަން އޮފީހުގެ ބޮޑަށް އަބްދުލް މަޖީދު އަލީ އަދި އަހުމަދު ސަރުވަޝް އާދަމް އައްޔަނުކޮށްފި އެވެ،
ޕެންޝަން އޮފީހުން އެކްސްގައި މިއަދު ބުނީ އެ ދެ ބޭފުޅުން ވެސް ބޯޑަށް އައްޔަނުކުރީ ޕްރައިވެޓް ސެކްޓާ ތަމްސީލުކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އައްޔަނުކުރީ ކޮން ދުވަހަކު ކަމެއް ނުބުނެ އެވެ.
ބޯޑަށް އައްޔަނުކުރި އަބްދުލް މަޖީދު ކުރިންވެސް ވަނީ އެ އޮފީހުގެ ބޯޑު މެމްބަރުކަން ކުރައްވައިފަ އެވެ.
އަދި އަލަށް ބޯޑަށް އައްޔަނުކުރި ސަރުވަޝް ކުރިން ފިނޭންސް މިނިސްޓްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމު ފުރުއްވާފައިވާ އިރު އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ސަރުވަޝް ކުރިން ވަނީ މީރާގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވައިފަ އެވެ.
މަޖީދާއި ސަރުވަޝްގެ އިތުރުން ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ދެން ތަމްސީލުކުރައްވަނީ އުޒާ މުޒްނާ އަހުމަދު އެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވީ ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް އެވެ.
