ޚަބަރު

ރައީސްގެ ބޭފުޅުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ފައްޔާޒާއި އެމްޑީޕީއަށް ދައުވާކުރަނީ

. ، ދެން އޮންލައިން
ޖަލްސާއެއްގައި ސާޖިދާ ވާހަކަ ދައްކަވަނީ

އިދިކޮޅު އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތާ ގުޅިގެން އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އަށް މަދަނީ ދައުވާކުރަން، ރައީސްގެ އާއިލާއިން ނިންމައިފި އެވެ.

Ads by STELCO

ރައީސްގެ އާއިލާގެ ފަރާތުން ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރު މިއަދު ބޭއްވި ޕްރެސްގައި ވަނީ ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ބަޔާނެއް އިއްވާފަ އެވެ.

އެ ބަޔާނުގައި އޭނާގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު (16އ) ވޭޕް ބޭނުންކުރާ ކަމަށް ފަތުރަމުންދާ ވާހަކަ ދޮގުކޮށް ސާޖިދާ ވިދާޅުވީ އުމައިރު އަކީ އެއްވެސް އިރަކު ދުންފަތުގެ އިސްތިއުމާލު ކުރާ ކުއްޖެއް ނޫން ކަމަށެވެ.

ސާޖިދާ ވިދާޅުވީ ދަރިކަލުންނާ ގުޅޭ ގޮތުން އެމްޑީޕީން ދައްކާފައިވަނީ ދަރިންގެ އިޖުތިމާއި ހެދި ބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރުވާފަދަ ވާހަކަތަކެއް ކަމަށެވެ. އޭގެ ސަބަބުން އުމައިރުގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް ރައްކާތެރިކަން ކަށަވަރުނުވާފަދަ ކަންކަމަށް މަގުފަހިވެދާނެ ކަމަށް ވިދާާޅުވި އެވެ.

އަޅުގަނޑުގެ އެންމެ ދޮށީ ދަރިފުޅަށާއި 8 އަހަރުގެ ދަރިފުޅަށް ގަނާ ކުރުމާއި ފުރުއްސާރަ ކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާ ކަމަކީ ބަލައިގަންނަން އުދަނގޫ ކަމެއް ކަމުގައި ދަންނަވަމެވެ.

އެ ބަޔާން އިއްވުމަށް ފަހު އާޒިމާ ވިދާޅުވީ އެމްޑީޕީން ރައީސްގެ ބޭފުޅުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަކީ ޖިނާއި މައްސަލަތަކަކަށްވިޔަސް ރައީސްގެ އާއިލާއިން ކޯޓަށް ހުށަހަޅާނީ މަދަނީ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

Ads by HDC