75 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް އެޅުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފި

75 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރުމާއި ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިނގަމުން މިދާ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކާ އެކަށޭނަ ކުނި މެނޭޖުކުރާނެ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް އިއުލާނު ކުރައްވާފަ އެވެ.
އެ އަމާޒަށް ވާސިލުވުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ "މަގޭ ސާފު ރާއްޖެ ޕްރޮގްރާމް" ގެ ތެރެއިން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި ފެނަކަ ކޯޕަރޭޝަނާ އެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީން 26 ރަށެއްގައި، ފެނަކައިން 25 ރަށުގައި އަދި އާރުޑީސީން 24 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރުމާއި ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނެ އެވެ.

ފެނަކަ އާ ހަވާލުކުރީ 25 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރަން / ފޮޓޯ:އެންވަޔަރަންމަންޓް މިނިސްޓްރީ
މިދިޔަ ހަފުތާގެ ތެރޭގައި އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ 34 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފަ އެވެ.
އަލަށް ހަވާލުކުރެވުނު 75 ރަށާ އެކު ޖުމްލަ 109 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ ނުވަތަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏަކާ ކުރިއަށް ގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނި ގޮތުގައި "މަގޭ ސާފު ރާއްޖެ ޕްރޮގްރާމް" ގެ ތެރެއިން ކުނި މެނޭޖުކުރުމުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރެވޭ 109 ރަށުގެ އިތުރުން ބާކީ ހުރި ރަށްރަށުގައި މިފަދަ އިންސްޓްރަކްޗާތައް ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަށް ގާއިމުކުރެވިފައިވާ ކަމުގަ އެވެ.

އާރުޑީސީ އާ ހަވާލުކުރީ 24 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރަން / ފޮޓޯ:އެންވަޔަރަންމަންޓް މިނިސްޓްރީ
އެ ރަށްރަށަކީ ބޭރުގެ އެހީގައި މިނިސްޓްރީން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެ މަސައްކަތް މިހާރު ކުރެވެމުންދާ ރަށްރަށާއި ޕްރޮކިއުމަންޓް މަރުހަލާގައި ހުރި ރަށްރަށް ކަމުގަ އެވެ. އެހެންކަމުން ރޭވިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، މި އަހަރު ފަހު ކުއާޓަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަން މިނިސްޓްރީން ފާހަގަކުރި އެވެ.
އިތުރަށް ބުނީ ރަށްރަށުގައި ގާއިމުކުރެވޭ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުތަކަށް ބޭނުންވާ އިކްވިޕްމަންޓާއި ކުނި އުފުލާނެ އުޅަނދުތައް، އެފަދަ ތަކެތި މިހާރު ފޯރުކޮށްދެވިފައި ނުވާ ރަށްރަށަށް މި އަހަރުގެ ތެރޭގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
