ޚަބަރު

ވަގަށް ސިނގިރޭޓް އުފައްދި ކުންފުނީގެ ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ގެއެއްގައި ހުރި ޕްރައިވެޓް އޮފީހެއްގައި ސިނގިރޭޓް އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަނީ

މާލޭގައި ވަގަށް ސިނގިރޭޓް އުފައްދި ކުންފުނީގެ ވިޔަފާރި ކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލުކޮށްފި އެވެ.

Ads by STELCO

ހ. ހުޅުގަލީގައި ހުންނަ އެޕާޓްމެންޓެއްގައި ހިންގަމުން ދިޔަ އޮފީހެއްގައި ވަގަށް ސިނގިރޭޓް އުފައްދަމުން ދަނިކޮށް ފުލުހުން ރެއިޑްކުރީ މިދިޔަ ޖެނުއަރި މަހު އެވެ. އެ ފަހަރު އެތަނުން 103 ކާޑުބޯޑު ފޮށީގެ ސިނގިރޭޓް އަތުލައިގަތެެވެ. އެއީ 49،000 ފޮށީގެ ސިނގިރޭޓެވެ.

އަދި އެ މައްސަލައިގައި އެ އޮފީސް ހިންގަމުން ދިޔަ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑްއަށް ފިޔަވަޅު އަޅަން އިކޮނޮމިކް މިނިސްޓްރީގައި ފުލުހުން އެދުނު އިރު އަތުލައިގަތް ސިނގިރޭޓްތައް ނައްތާލުމާ މެދު ގޮތެއް ނިންމަން ހެލްތު މިނިސްޓްރީގައި ވެސް އޮތީ އެދިފަ އެވެ.

ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި ސިނގިރެޓް ވަގަށް އުފެއްދި ކުންފުނީގެ ވިޔަފާރިކުރުމުގެ ހުއްދަ މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އަދި އަތުލައިގަތް ސިނގިރެޓްތައް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ވެސް މިހާރު ވަނީ ދީފަ އެވެ.

ރާއްޖޭގައި ދުންފަތް އުފެއްދުމަށް، އެ ކަމަށް ބޭނުންވާ ސާމާނު އެތެރެކުރުމަކީ ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ.

ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުމުން މާލޭގެ ބައެއް ތަންތަނުގައި ސިއްރުން ސިނގިރޭޓު ހެދުން ވަނީ އާއްމުވެފަ އެވެ.

Ads by Ooredoo