ބިލު ތަސްދީގު ނުކުރީ ސަސްޕެންޝަނުގައި ތިބި ފަނޑިޔާރުންނަށް އިންސާފުވެރި ގޮތަކަށް ނުވާތީވެ: ރައީސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް ހަތަކުން ފަހަކަށް ސުޕްރީމް ކޯޓު ފަނޑިޔާރުންގެ ޖުމުލަ އަދަދު ބަދަލުކުރަން ގާނޫނަށް ގެނައި އިސްލާހުގެ ބިލު ތަސްދީގު ނުކުރެެއްވީ ސަސްޕެންޝަނުގައި ތިބި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާ ފަނޑިޔާރު މަހާޒު އަލީ އަށްވެސް އެންމެ އިންސާފުވެރި ގޮތަކަށް ނުވާނެތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުންނެވެ. މަޖިލީހުގައި ބިލަށް ތާއީދުކޮށް ވޯޓު ދެއްވުމަށް މެންބަރުންނަށް އެންގެވީ ވެސް ސަރުކާރު ހިންގާ ޕީއެންސީގެ ލީޑާޝިޕުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް ކުޑަކުރަން ގާނޫނު ބަދަލުކުރީ މިދިޔަ މަހު 26ގަ އެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީން ފާސްކުރި ބިލެކެވެ.
ނަމަވެސް ބިލު އަނބުރާ މަޖިލީހަށް ރައީސް ވަނީ ފޮނުއްވާފަ އެވެ. ބިލާމެދު އަލުން ގޮތެއް ވިސްނުމަށް އެދިވަޑައިގެން ރައީސް ފޮނުއްވި ބިލު މަޖިލީހުން އަމީން އާންމު ވަނީ އިއްވާފަ އެވެ.
ބިލު ގާނޫނަކަށްވެ ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަސް ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. މަޖިލީހަށް އެ ހުށަހެޅުން ލިބޭތާ 7 ދުވަސް ތެރޭގައި ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެ ކަމަށްވެސް ސައްތާރު ހުށަހެޅުއްވި ބިލުގައިވެ އެވެ.
މަޖިލީހަށް ފޮނުއްވި ސިޓީގައި އެކަމަށް އިޝަރާތްކުރައްވާ ރައީސް ވިދާޅުވީ ފަނޑިޔާރުންގެ އެއްވެސް ސުލޫކީ މައްސަަލައެއް ބެލުމެއް ނެތި ގާބިލު ނޫން ފަރާތެއް ކަމަށް ކަނޑައަޅައިގެން، ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމަކީ ފަނޑިޔާރުން މަގާމުން ވަކިކުރުމުގައި ބިލުގައިވާ އިޖުރާތުން މިހާރު ތިބި ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑަކަށް ފުށުއަރާނެ ކަމެއް ކަމަށެވެ.
".. ފަނޑިޔާރުކަމުން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލަށް ފުށުއަރާ ގޮތަށް ހިންގޭނެ އިޖުރާތެއް ކަމަށް ބެލެވިދާނެތީ ކަމަށް ފެނޭ'' ރައީސްގެ ސިޓީގައި ވިދާޅުވި އެވެ.
އިތުރު ސަބަބެއް ކަމަށް ރައީސް ވިދާޅުވީ ބިލު އޮތް ގޮތުން ފަނޑިޔާރުންގެ ގާބިލުކަން ވަޒަން ކުރާނެ ގޮތުގެ ފުރުސަތުވެސް ގެއްލިގެންދާނެ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ނިންމާފައިނުވާހާ ހިނދު މި ބިލު ތަސްދީގުވެ ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމަށް ގާބިލުނޫން ކަމަށް ކަނޑައެޅުމުގެ އިޖުރާތު މި ވަގުތު އިންގުމަކީ އެންމެ އިންސާފުވެރި ހަމަހަމަ ކަމާއެކު ހުރިހާ ފަނޑިޔާރުން ޝާމިލުވާ ގޮތަށް ފަނޑިޔާރުންގެ ގާބިލުކަން ވަޒަަންކޮށް ގޮތެއް ކަނޑައެޅުމަށް ފުރުސަތު ގެއްލިގެންދާނެ ކަމެއް ކަމަށް ފާހަގަކުރެވޭ" ރައީސް ވިދާޅުވި އެވެ.
އެ ބިލު އިސްލާހު ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ފެންނަކަމަށް ވޯޓު ދެއްވީ 50 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ.
ސުޕްރީމް ކޯޓުގެ ބެންޗުކުޑަ ކުރަން ފާސްކުރި ދަނޑިވަޅަކީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް ކުރިއަށް ގެންދަން ކޯޓުން ނިންމާފައި ވަނިކޮށެވެ.
ސަސްޕެންޑްކުރި އެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
