ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ އދ. އަށް ހުށަހަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އަދި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަލްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު / ފޮޓޯ:ރައީސް އޮފީސް

ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަަކަށް ސަސްޕެންޑްކުރި މައްސަލަ އދ. އަށް ހުށަހަޅައިފި އެވެ.

Ads by STELCO

އދ. ގެ ހައި ކޮމިޝަނާ އޮފް ފޮ ހިއުމަން ރައިޓްސްގެ އޮފީހަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ މަހުގެ 4 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާާމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދެވެ. އިސްތިއުފާ ދެއްވާފައި ވަނީ އޭނާ އާ ގުޅުންހުރި މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާތީ ފަނޑިޔާރުކަމުގެ މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

އދ. އަށް ހުށަހެޅުއްވި މައްސަލައިގައި ސުއޫދު އެދިވަޑައިގެންފައި ވަނީ މައްސަލަ އާ ގުޅިގެން އަވަސް ފިޔަވަޅެއް އަޅައި ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް މަސައްކަތް ކޮށްދިނުމަށެވެ.

ޖޭއެސްސީން އޭނާ އާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަލްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު އާ ގުޅޭގޮތުން ބަލަމުން ފެށި މައްސަލަތަކަކީ އެ ކޯޓުގައި ކުރިއަށްދާ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން އުފައްދައިގެން ބަލަމުންދާ މައްސަލަތަކެއް ކަމުގައި ސުއޫދު ފާހަގަކުރެއްވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާއަށް ފާރަވެރިވާން ޖެހޭ ތަނެއްގެ ގޮތުގައި ޖޭއެސްސީ އޮންނަން ޖެހޭއިރު، އެ ކޮމިޝަން އެކުލަވާލާފައި އޮންނަ ގޮތުން މިނިވަންކަމާ އެކު އެ މަސައްކަތް ކުރެވެމުން ނުދާ ކަމުގަ އެވެ. އެ ކޮމިޝަނުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި މަޖިލިހުގެ މެމްބަރަކާއި ރައީސް އައްޔަންކުރައްވާ މެމްބަރެއްގެ އިތުރުން ސިޔާސީ ބޭފުޅުން ތިއްބަވާ ގޮތަށް ކަނޑައެޅިފައިވުމުން ޖޭއެސްސީ މެދުވެރިކޮށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ސަރުކާރަށް ފަހިވާކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.

އދ. ގެ އިތުރުން ސުއޫދު ވަނީ މި މައްސަލަ ސްރީ ލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައިވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފުދަށާއި ކޮމަންވެލްތަށް ހުށަހަޅުއްވާފަ އެވެ. އޭގެ އިތުރުން ވޯލްޑް ބޭންކަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ވެސް ވަނީ ހިއްސާކުރައްވާފަ އެވެ.

Ads by Allied Insurance