ޝަހީދު ސުޕްރީމް ކޯޓަށް އައްޔަނުކުރުމުގެ މައްސަލަ މާދަމާ މަޖިލީހަށް އެޖެންޑާކޮށްފި

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެން ޝަހީދު އައްޔަންކުރުމުގެ މައްސަލަ ދިރާސާ ކުރަން މާދަމާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރުމަށް މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާއި ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމްއާއެކު ޝަހީދު ކުރިމަތިލެއްވި އިރު އެ ތިން ބޭފުޅުންނާ ވަކިވަކިން އިންޓަވިއުކުރުމަށް ފަހު ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އިން ލަފާ ދިނީ ޝަހީދު އެ މަގާމަށް އައްޔަނުކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާފައި ބުނެފައިވާ ގޮތުން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ވަނީ ތާވަލުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމެއް ހުސްވީ ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ، ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއްގެ އަޑުއެހުމެއް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.
ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ހުށަހެޅި އިރު އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ވެރިކަން ކުރާ ޕީއެންސީން ސްޕޮންސާކޮށްގެން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފާސްވެސްކުރި އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފަ އެވެ. އެ ބިލު މިއަދު ވަނީ އިތުރަށް ދިރާސާކުރަން އަލުން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.
