ޚަބަރު ރައްޔިތުންގެ މަޖިލިސް

ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލިހުން ފާސްކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން / ފޮޓޯ:މަޖިލިސް

ލޯކަލް ކައުންސިލުތަކުގެ އިހުތިސޯސުގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.

Ads by STELCO

ސަރުކާރުގެ ފަރާތުން ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު ރިޔާޒެވެ. މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހުށަހެޅުއްވި ބިލުގެ ބަހުސް އެ ދުވަހު ފެށި އެވެ. އަންގާރަ ދުވަހާއި ބުދަ ދުވަހު ބަހުސް ކުރުމަށް ފަހު ބުދަ ދުވަހު އިގުތިސޯދީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ސަރުކާރުން އިސްލާހު ހުށަހަޅާފައި އެއް ކަމަކީ ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމުގެ ފީއަށް ލުއި ދިނުމެވެ. އެގޮތުން ބިލު ތަސްދީގުކޮށް އަމަލުކުރަންް ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ރިސޯޓު ހިންގާ ފަރާތްތަކަށް 50 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭ ގޮތަށް ވަނީ ހިމަނާފަ އެވެ.

ގާނޫނުގައި އޮންނަ ގޮތުން ރިސޯޓު ކުއްޔަށް ހިފާފައިވާ މުއްދަތު 49 އަހަރަށް ވުރެ އިތުރުކުރާ ނަމަ 10 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެ މުއްދަތަށް ވުރެ ކުރުކުރާ ނަމަ ކޮންމެ އަހަރަކަށް 2 ލައްކަ ޑޮލަރު ދައްކަން ޖެހެ އެވެ.

ސަރުކާރުން އިސްލާހު ހުށަހެޅީ 49 އަހަރަށް އިތުރުކުރާ ނަމަ ދައްކަން ޖެހޭ ފީ 5 މިލިއަން ޑޮލަރަށް ކުޑަކުރުމަށާއި 25 އަހަރަށް ނަމަ 3 މިލިއަން ޑޮލަރަށް އަދި 20 އަހަރަށް ނަމަ 2.5 މިލިއަން ޑޮލަރު ދައްކަން ޖެހޭ ގޮތަށެވެ.

އޭގެ އިތުރުން ރިސޯޓުތައް މަރާމާތަށް ބަންދު ކުރުމަށްފަހު އަލުން ހުޅުވަން އެއްބަސްވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމައި، ތަން ހުޅުވައި ހިދުމަތް ދޭން ފަށާފައި ނުވާ ނަމަ ފިޔަވަޅު އަޅައި ކުލީގެ އެއްބަސްވުން ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނާފަ އެވެ. އަދި އެގޮތަށް އެއްބަސްވުން ބާތިލުކުރާއިރު ސަރުކާރުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ގާނޫނުގައި ވަނީ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގައި އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތަށް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރަން ބިން ކަނޑައެޅުމުގެ އިހުތިޔާރު، އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަށް ދީފަ އެވެ. މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީ ކައުންސިލުތަކުގެ އިހުތިސޯސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރުމާ ބެހޭ މާއްދާއެއް ގާނޫނުގައި ނެތް ނަމަ ވެސް ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ ކައުންސިލުތަކުގެ އިހުތިސޯސުގައި ހިމެނޭ އެފަދަ ތަންތަން ޓޫރިޒަމްގެ ބޭނުމަށް ކަނޑައެޅުމުގެ ބާރު ރައީސްއަށް ދޭން ހިމަނާފަ އެވެ.

ބިލުގައި ވަނީ ޓޫރިސްޓް ހިދުމަތްދޭ ތަންތަން އިސްތިހާރު ކުރުމާއި އެ ތަންތަނާ ބެހޭ މައުލޫމާތު އާންމުކުރުމުގައި އަމަލުކުރަން ވާނީ އެކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ހަދާ ގަވާއިދެއްގެ ދަށުން ކަމަށް ބުނެފަ އެވެ. އަދި ޓޫރިޒަމް ސިނާއަތުގެ ޓްރަސްޓް ފަންޑު އުވާލައި، ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ނަމުގައި ފަންޑެއް އުފައްދަން ހުށަހަޅާފައިވެ އެވެ.

ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު މިއަދުގެ މަޖިލިހުގެ ޖަލްސާގައި ފާސްކޮށްފައި ވަނީ އިގުތިސޯދީ ކޮމިޓީން ދިރާސާކުރިއިރު ގެނައި ބައެއް ބަދަލުތަކާ އެކުގަ އެވެ. އެގޮތަށް ފާސްކޮށްފައި ވަނީ 55 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އިސްލާހާ ދެކޮޅަށް 8 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެ އިސްލާހަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަމީން ފައިސަލް އިސްލާހެއް ހުށަހެޅުއްވި އެވެ. ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ތާއީދު ކުރެއްވި އެ އިސްލާހު ފާސްކުރަން ވޯޓު ދެއްވީ 8 މެމްބަރުންނެވެ. އިސްލާހާ ދެކޮޅަށް 51 މެމްބަރަކު ވޯޓު ދެއްވުމާ ގުޅިގެން އެ އިސްލާހު ފާސްވެފައެއް ނުވެ އެވެ.

ޓޫރިޒަމް ގާނޫނަށް ސަރުކާރުން ގެނައި އިސްލާހާ އެކު ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާއި އަލަށް އެކުލަވާލަން ޖެހޭ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހެ އެވެ.

Ads by Allied Insurance