"އާތު އަވާ" މާދަމާ ރޭ ފާހަގަ ކުރަނީ

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ "އާތު އަވާ 2025" މާދަމާ ރޭ ރާއްޖޭގައި ވެސް ފާހަގަކުރަން ނިންމައިފި އެވެ،
ޓޫރިޒަމް އަދި އެންވަރަޔަމަންޓް މިނިސްޓްރީން މިރޭ ބުނީ އާތު އަވާ ފާހަގަކުރާނީ މާދަމާ ރޭ 08:30 އިން 09:30 އަށް ކަމަށެވެ.
އާތު އަވާ ފާހަގަކުރާ ވަގުތު ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވާ އެހެން ހުރިހާ ދިއްލުންތައް އެ ގަޑިއަށް ނިއްވާލަން މިނިސްޓްރީން އިލްތިމާސްކުރެ އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކޮށް، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ނެތިގެންދާ ދިރުންތަކާއި، މާހައުލީ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އާތު އަވާއަކީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ޙަރަކާތެކެވެ.
އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، އަޅުގަނޑުމެންގެ ގުދުރަތީ ތަރިކަ ޙިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދައްކުވައި ދިނުމެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަމުން، ގުދުރަތީ ވެއްޓާއި، އެ ވެށީގައި ހިމެނޭ ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުން މުހިންމު ކަމަށެވެ.
