ދިރާސީ އާ އަހަރު ގްރޭޑް އެކަކަށް ވަންނަން 5،700 ދަރިވަރުން

އަންނަ މަހު ފަށާ ދިރާސީ އާ އަހަރު ގްރޭޑް އެކަކަށް ވަނުމަށް އެދި 5،700 ދަރިވަރުން ފޯމު ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު ފަށަން ތައްޔާރުވަމުން އަންނަ ދިރާސީ އަހަރު ގްރޭޑް އެކަކަށް ވަނުމުގެ ޖާގައަށް ހުޅުވާލާފައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު އެވެ. ފާއިތުވެދިޔަ އަހަރުތަކެކޭ ވެސް އެއްގޮތަށް އެންމެ ގިނަ އަދަދެއްގެ ކުދިން ވެއްދުމަށް އެދި މި އަހަރު ވެސް ފޯމު ހުށަހަޅާފައި ވަނީ މާލެ ސަރަހައްދުގެ ސްކޫލުތަކަށެވެ.
ދިރާސީ އާ އަހަރު ފެށުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ހިންގުމާ ހަވާލުވެ ހުންނެވި އަލީ މުފީދު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ގްރޭޑް އެކަކަށް ކުދިން ވެއްދުމުގެ މަރުހަލާ ކުރިއަށް ގެންދިޔައީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.
ފުރަތަމަ މަރުހަލާއަކީ ސަރުކާރު ސްކޫލުތަކުގެ ގްރޭޑް އެކަކަށާ އަދި އެލްކޭޖީއަށް އަލަށް ކުދިން ވެއްދުމުގެ މަރުހަލާ ކަމަށެވެ. އަނެއް މަރުހަލާއަކީ އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމުގެ މަރުހަލާ ކަމަށެވެ. ފުރަތަމަ މަރުހަލާގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނިމިފައިވާ ކަމަށެވެ.
"މާލެ ސަރަހައްދަށް ދެ ހާހަށް ވުރެ ގިނަ ދަރިވަރުން ގްރޭޑް އެކަކަށް ސަރުކާރު ސްކޫލުތަކަށް ވަދެފައިވާ ކަމަށް އަޅުގަނޑުމެންނަށް ތަފާސް ހިސާބުތަކުން ދައްކާ. މުޅި ރާއްޖެއަަށް ބަލާއިރު، 5،700 ދަރިވަރުން ގްރޭޑް އެކަކަށް، 2025 ވަނަ ދިރާސީ އަހަރަށް ވަނީ ރަޖިސްޓާ ކުރެވިފައި،" މުފީދު ވިދާޅުވި އެވެ.
މުފީދު ވިދާޅުވި ގޮތުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު އެ އަދަދަށް ރާއްޖޭގެ އެކި ސްކޫލުތަކުގެ ގްރޭޑް އެކެއްގައި ދަރިވަރުން ކިޔަވަމުންދާނެ ކަމުގަ އެވެ. މާލެ ސަރަހައްދާއި ސިޓީތަކުގެ ސްކޫލުތަކުން ގްރޭޑް އެކަކަށް ވަންނަ ދަރިވަރުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް މިހާރު ނިންމާފައިވާ ކަމުގަ އެވެ.
ގްރޭޑް އެކަަކަށް ވަންނަ ދަރިވަރުންގެ ބެލެނިވެރިންނަށް ދިރާސީ އަހަރަށް ތައްޔާރުވާން ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތެއް މިފަހަރު ލިބިގެން ގޮސްފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ދަރިވަރުން ކިޔަވަންދާނެ ސްކޫލާއި ކްލާހާ އަދި އިންޑެކްސް ނަމްބަރު ފަދަ މުހިންމު މައުލޫމާތުތައް ސްކޫލުތައް މެދުވެރިކޮށް ބެލެނިވެރިންނަށް ހިއްސާކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
މުފީދު ވިދާޅުވީ މިހާރު ކިޔަވަމުން އަންނަ ސްކޫލުން އެހެން ސްކޫލަކަށް ބަދަލުވުމަށް އެދި 1،300 އަށް ވުރެ ގިނަ ދަރިވަރުން އެދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލުތަކުން ބަދަލުވާ 700 އަށް ވުރެ ގިނަ ދަރިވަރުންނާ އަދި އަތޮޅުތަކުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް އެދި ހުށަހެޅި 500 އަށް ވުރެ ގިނަ ދަރިވަރުން ހިމެނޭ ކަމަށެވެ.
އެހެންނަމަވެސް މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމުގެ ފުރުސަތު މިފަހަރު ހުޅުވާލާފައި ނުވާ ކަމަށް މުފީދު ވިދާޅުވި އެވެ. އޭގެ ބަދަލުގައި ހުޅުވާލީ މާލޭން ހުޅުމާލެއަށް، ހުޅުމާލޭން މާލެއަށް، ހުޅުމާލޭން ވިލިމާލެއަށް ނުވަތަ މާލޭން ވިލިމާލޭގެ ސްކޫލުތަކަށް ދަރިވަރުން ބަދަލުކުރަން ކަމުގައި ފާހަގަކުރެއްވި އެވެ.
އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރަން އެދި ހުށަހެޅި މުއްދަތު މި މަހު 6 ވަނަ ދުވަހަށް ހަމަވެފައި ވިނަމަވެސް، އަދިވެސް އެކަމަށް އެދި ގިނަ ފަރާތްތަކުން ހުށަހަޅަމުންދާ ކަމަށް މުފީދު ވިދާޅުވި އެވެ. ރޯދަ މަސް ނިމުމުގެ ކުރިން ސްކޫލުތަކުން ޖާގައަށް އެދި ހުށަހަޅާފައިވާ ބެލެނިވެރިންނަށް ޖަވާބުދީ ނިންމުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.
މުފީދު ވިދާޅުވީ ގްރޭޑް އެކަކަށް ވަނުމުގެ ފުރުސަތު ދެނީ ފަސް އަހަރުފުރި ހަ އަހަރު ނުފުރޭ ކުދިންނަށް ކަމަށެވެ. އެ ފުރުސަތު ދޭން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ހަމައަށް އެ އުމުރުފުރާއަށް ފެތޭ ކުދިންނަށް ކަމަށް ވިނަމަވެސް މި މަހުގެ ނިޔަލަށް ހަ އަހަރު ނުފުރޭ ކުދިންނަށް ގްރޭޑް އެކަކަށް ވަނުމުގެ ފުރުސަތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
