ފެނަކަ އެމްޑީ އިސްތިއުފާ ދޭން އަޒާން ގޮވާލައިފި

އައްޑޫގެ ކަރަންޓުގެ ހާލަތު ކޮޅެއްގައި ނުޖެހުމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޭޖާ (ރިޓަޔަޑް) މުހައްމަދު ނަޖާހް އިސްތިއުފާ ދެއްވަން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ގޮވާލައްވައިފި އެވެ.
މި ރޯދަ މަސް ފެށުމުގެ ކުރިން ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތްދޭ ޕަވާ ސްޓޭޝަންގެ ތިން އިންޖީނު މަސައްކަތެއް ނުކުރެ އެވެ.
އެހެންވެ ކަރަންޓުގެ މައްސަލަ ހައްލުކުރަން އެއް މެގަވޯޓުގެ ޖެނެރޭޓަރެއް ފޮނިވާފައިވަނިކޮށް އިތުރު އިންޖީނެއް ހަލާކުވެ އައްޑޫގައި ކަރަންޓު ކަނޑާ ވަގުތު މިއަދު ވަނީ އިތުރުކޮށްފަ އެވެ.
އެކަމާ ގުޅިގެން އަޒާން އެކްސްގައި ވިދާޅުވީ ރޯދައިގެ ކުރިން އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށް އެމްޑީ ނަޖާހު އޮތީ ވައުދުވެޑައިގެންފައި ކަމަށެވެ.
އަދި ރޯދަ މަސް ނިމެން ކުޑަތަންވީއިރު ވެސް މައްސަލަ ހައްލުނުވާއިރު ވައުދާ އެއްގޮތަށް އެމްޑީ އިސްތިއުފާ ދެއްވުމުގެ ވަގުތު ޖެހިއްޖެކަމަށް އަޒާން ވިދާޅުވި އެވެ.
"ފާއިތުވި ހަ މަސް ތެރޭގައި ވެސް 84 ދުވަހު ކަރަންޓު ކެނޑުނު. އެއީ ކޮންމެ ދެ ދުވަހަކުން އެއް ދުވަހުހެން. މިދިޔަ މަހުގެ 75 އިންސައްތަ ދުވަހު ކަރަންޓު ކެނޑުނު." އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ ކަރަންޓު ކެނޑޭތީ އައްޑޫގެ މީހުން ގެންގުޅޭ ކަރަންޓުގެ ސާމާނުވެސް ހަލާކުވެ އާންމު ދިރިއުޅުމަށް ބުރޫ އަރާފައިވާ ކަމަށެވެ. އެހެން ނަމަވެސް އައްޑޫގެ ރައްޔިތުން ދެއްކީ ކެތްތެރިކަން ކަމަށް އަޒާން ވިދާޅުވި އެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ މައްސަލައަށް ހައްލެއް ނުލިބޭތީ އަޒާން ވަނީ މަޖިލިހުގެ މެމްބަރުން ފެނައިގެ އިސްވެރިންނާ ބައްދަލުކުރުމުގެ އިތުރުން މަޖިލިހަށް ކުއްލި މައްސަލަ ހުށަހަޅާފައިވެ އެވެ.
ކަރަންޓު ކެނޑޭތީ އައްޑޫ ސިޓީގައި މުޒާހަރާ ވެސް ވަނީ ކޮށްފަ އެވެ.
