ބިންހެލުމާ ގުޅިގެން ދިވެއްސަކަށް އަނިޔާވެގެން އަދި ރިޕޯޓުކޮށްފައެއް ނުވޭ: އެމްބަސީ

މިޔަންމާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ތައިލެންޑަށް ލިބުނު ގެއްލުންތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާވެގެން ރިޕޯޓުކޮށްފައި ނުވާ ކަމަށް އެ ގައުމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި މިއަންމާއަށް އެކުއެކީގައި ދެ ބިންހެލުމެއް ވަނީ އައިސްފަ އެވެ. ފުރަތަމަ އައީ 7.7 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އެއަށް ފަހު 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް ހަމަ އެ ސަރަހައްދަށް އައި ކަމަށެވެ.
މި ބިންހެލުންތައް އައިސްފައި ވަނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 11:32 ހާއިރު އެވެ.
މިޔަންމާއަށް އައި ބިންހެލުމުގައި އެ ގައުމުގެ އިތުރުން ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ތައިލެންޑުގެ ވެރިރަށް، ބެންކޮކުގެ ހުރިހާ ހިސާބަކަށް ބިންހެލުމުގެ އަސަރުކުރިއިރު އިމާރާތްތައް ވެއްޓުމުގެ ސަބަބުން އެ ތަންތަނުގެ ދަށުގައި މީހުން ތާށިވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ބިންހެލުމުގެ ހާދިސާ އާ ގުޅިގެން މިޔަންމާ އާއި ތައިލެންޑުގެ ސަރުކާރުތަކުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.
ފުއާދު ތައުފީގު މިއަދު "ދެން" އަށް ވިދާޅުވީ ތައިލެންޑުގައި ގާތްގަނޑަކަށް 150 އެއްހާ ދިވެހިން ދިރިއުޅެމުންދާ ކަމަށް ބެލެވޭ ކަމަށެވެ. އެ މީހުންގެ އިތުރުން ޗުއްޓީ އާއި ބޭސްފަރުވާގެ ކަންކަމަށް ދަތުރުކުރާ 150 އެއްހާ މީހުންނާ އެކު، ޖުމްލަ 300 އެއްހާ ދިވެހިން އަބަދުވެސް އެ ގައުމުގައި އުޅޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
ބިންހެލުމުގައި ގިނަ އަދަދެއްގެ ދިވެހިން އުޅެމުން އަންނަ އިމާރާތްތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ. އެގޮތުން އިމާރާތްތަކަށް ނުވަދެވޭ ވަރަށް ގެއްލުންވުމުގެ އިތުރުން ބައެއް އިމާރާތްތަކުގެ ފާރުތަކުގައި ރެނދުއެޅުން ފަދަ ގެއްލުންތައް ވެފައިވާ ކަމަށެވެ.
އެހެންނަމަވެސް ބެންކޮކުގައި ދިރިއުޅެމުންދާ ދިވެހިންގެ ތެރެއިން އެއްވެސް ތަނެއްގައި ތާށިވެ، އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ދިވެހި އެމްބަސީއަށް ލިބިފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން ވަކިވަކިން ވެސް އެކި ބޭފުޅުންނާ ގުޅަމުން މި ގެންދަނީ ވެސް. އެއްވެސް ބޭފުޅެއްގެ ފަރާތަކުން އެއްވެސް އަނިޔާއެއް، ހާނިއްކައެއް ލިބުނު ހަބަރެއް އަޅުގަނޑުމެންނަށް ރިޕޯޓުކޮށްފައެއް ނުވޭ. ހުރިހާ އެންމެން ވެސް ގަދަވެ ސަލާމަތުން އެބަތިބި،" ފުއާދު ވިދާޅުވި އެވެ.
ސަފީރު ވިދާޅުވި ގޮތުގައި އެމްބަސީއަށް ހަމައެކަނި އެނގެނީ ތައިލެންޑަށް ދިއުމަށް ފަހު އެކަން އަންގާ މީހުންގެ މައުލޫމާތު އެކަނި ކަމުގަ އެވެ. އެ މީހުންގެ މައުލޫމާތު ރަޖިސްޓްރީކޮށް، ދަފުތަރެއްގައި ބަލަހައްޓަމުން ގެންދާ ކަމުގަ އެވެ.
"ޗުއްޓީއަކަށް ނުވަތަ ބޭހަކަށް އަދި މަޑުކޮށްލައްވާ ބޭފުޅުން ހިނގައިދާނެ އަޅުގަނޑުމެންނަށް ނޭނގި ވެސް. އެހެންނަމަވެސް ހީވޭ ކޮންމެވެސް ދިމާލަކުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭނެހެން އެކަހަލަ ކަމެއް [ދިވެއްސަކަށް އަނިޔާއެއް] ވެއްޖިއްޔާ،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ހާދިސާ އާ ގުޅިގެން އެމްބަސީ އާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް ގުޅައި މައުލޫމާތު އެއްކުރުމުގެ މަސައްކަތުގެ އިތުރުން އެއްވެސް ދިވެއްސަކަށް ކަމެއް ދިމާވެފައިވާ ނަމަ އެކަމެއް އެންގުމަށް އެދެމުންދާ ކަމަށެވެ.
ގައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނީ މާލެ އާ 3،121 ކިލޯމީޓަރު ދުރުން އައި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެންނަ ކަމަށެވެ.
