ޚަބަރު

ފިތުރު ޒަކާތުގެ ގޮތުގައި 13.2 މިލިއަން ރުފިޔާ، މިއީ ރެކޯޑެއް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގޮވާމުގެ ގޮތުގައި ލިބުނު ފިތުރު ޒަކާތް ބެހުމުގެ މަސައްކަތުގައި ޒަކާތު ހައުސްގެ މުވައްޒަފުން ހަރަކާތްތެރިވަނީ / ފޮޓޯ:ޒަކާތު ހައުސް

މި އަހަރުގެ ރޯދަ މަހު ފިތުުރު ޒަކާތުގެ ގޮތުގައި 13.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ މިހާތަނަށް އެންމެ ގިނައިން ޒަކާތަށް ފައިސާ ލިބުނު އަހަރު ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

Ads by STELCO

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވީ މި އަހަރަކީ ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރު ކަމަށެވެ. އަދި ދަފްތަރުކުރެވިފައިވާ ފަގީރުންނަށް އެއް ހަމައަކުން އެންމެ ގިނަ ފައިސާ ޖަމާކުރެވުނު އަހަރަކީ ވެސް މިއީ ކަމުގައި ފާހަގަކުރެއްވި އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތަފުސީލު:

  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް): 7،395،386 ރުފިޔާ
  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ): 1،200،724 ރުފިޔާ
  • ދިރާގު: 392،802 ރުފިޔާ
  • އުރީދޫ: 136،980 ރުފިޔާ
  • ފަހިޕޭ: 997،764 ރުފިޔާ
  • ބަނޑޭރިޕޭ: 809،856 ރުފިޔާ
  • ޒަކާތު ހައުސްގެ ކައުންޓަރުތަކުން: 488،681 ރުފިޔާ
  • ކައުންސިލުތަކުން: 1،842،626 ރުފިޔާ

މުޅި ރާއްޖެއިން ފިތުރު ޒަކާތުގެ ފައިސާގެ ގޮތުގައި މި އަހަރު 13،264،819 ރުފިޔާ ވަނީ ބަލައިގެންފަ އެވެ. މިދިޔަ އަހަރު 12،594،777 ރުފިޔާ އަދި އޭގެ ކުރީ އަހަރު 12،691،506 ރުފިޔާ ބަލައިގެންފައިވެ އެވެ. މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރު ބަލައިގެންފައި ވަނީ 11،669،385 ރުފިޔާ އެވެ.

ގޮވާމުން ބަލައިގަނެވުނު ތަފާސް ހިސާބު:

  • 2025 - 10،025 ކިލޯ
  • 2024 - 12،959 ކިލޯ
  • 2023 - 12،380 ކިލޯ
  • 2022 - 10،092 ކިލޯ

ގޮވާމުގެ ގޮތުގައި ލިބުނު ފިތުރު ޒަކާތް މާލެ ސިޓީގައި ތިބި ފަގީރުންނާއި މިސްކީނުންނަށް ހުސްވި ހަފުތާ ބަންދުގައި ވަނީ ބަހާފަ އެވެ. ގޮވާމުން މާލެ ސަރަހައްދުގެ ކޮންމެ ފަގީރަކަށް 15 ކިލޯ ދޫކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ފަގީރުންގެ ދަފްތަރުގައިވާ ކޮންމެ ފަރުދަކަށް ޒަކާތުގެ ގޮތުގައި 4،500 ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި ޒަކާތުގެ ފައިސާގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ ފަލަސްތީނުގެ ގާޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ވެސް ޝަހީމް ފާހަގަކުރެއްވި އެވެ.

ގާޒާގެ ކުޑަކުދިންނަށް ހާއްސަކުރި އެ ފައިސާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ވަނީ އިސްރާ އެސޯސިއޭޝަނާ ހަވާލުކޮށްފަ އެވެ.

ސަރުކާރުން ވަނީ މި އަހަރުގެ ފިތުރު ޒަކާތް ފަގީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް އެއް ހަމައަކުން ބެހުމަށް ނިންމާފަ އެވެ. އެގޮތަށް ޒަކާތް ބެހުމަށް ނިންމީ ޒަކާތުގެ މަގުސަދުގައި ހިމެނޭ އިޖުތިމާއީ އަދާލަތު ގާއިމުކުރުމުގެ ގޮތުން ކަމަށް މީގެކުރިން ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި މީގެކުރިން ޒަކާތް ބަހަމުން އައީ އެ ރަށަކުން ލިބޭ އެއްޗެެއް، ހަމައެކަނި އެ ރަށެއްގެ ދަފްތަރުގައި ހިމެނޭ ފަގީރުންނަށް ލިބޭ ގޮތަށް ކަމުގަ އެވެ. ގެނައި ބަދަލާ އެކު މުޅި ރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި، ހުރިހާ އެންމެނަށް އެއްހަމައަކުން ފިތުރު ޒަކާތް ލިބޭނެ ކަމުގަ އެވެ.

މިއީ ރާއްޖޭގެ ފިތުރު ޒަކާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލުކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!