ގއ. މާމެންދޫ އިހުތިސާސްގައި ހުޅިމެންދޫ ހިމަނައިފި

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫގެ އިހްތިސާސްގައި އެ އަތޮޅު ހުޅިމެންދޫ ހިމެނުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު އެގޮތަށް ނިންމަވާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން، އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، ހޮނިހިރު ދުވަހު ނެރުއްވި ގަރާރަކުންނެވެ.
ގާތްގަނޑަކަށް 5 ހެކްޓަރުގެ ހުޅިމެންދޫ އަކީ މާމެންދޫއާ އެއްފަޅެއްގައި އޮންނަ ރަށެެކެވެ. މީގެ ކުރިންވެސް މާމެންދޫގެ އިހުތިސާސްގެ ތެރޭގައި އޮންނަ ހުޅިމެންދޫ އުނިކުރީ ކުރީގެ ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.
އޭރު އުނިކުރީ ފަތުރުވެރިކަމަށް ދޫކުރުމަށެވެ. އެކަމަކު އެ މަސައްކަތެއް ކުރިއަކަށް ނުދެ އެވެ.
