ޚަބަރު ރައްޔިތުންގެ މަޖިލިސް

ފައިސާ ޗާޕުކުރުމާ ބެހޭ ގަރާރު މަޖިލިހުން ބޭރުކޮށްލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން / ފޮޓޯ:މަޖިލިސް

ގާނޫނު އަސާސީ އާއި ކަމާ ގުޅޭ ގާނޫނުތަކާއި މި އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާ ހިލާފަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރަށް ފައިސާ ނަގަން މަސައްކަތް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވުމާ އެކު، ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދެކޭ ގޮތް ބެލުމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރު ބަލައިނުގަނެ މަޖިލިހުން ބޭރުކޮށްލައިފި އެވެ.

Ads by STELCO

ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި ބުނީ ގާނޫނު އަސާސީގައި މަޖިލިހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށް ވުރެ ހަރަދު އިތުރުކޮށްގެންް ނުވާނެ ކަމަށާއި ބަޖެޓުގައި ވަކި ކަމަކަށް ހަރަދެއް ކުރުމަށް ކަނޑައަޅާފައިވާ ނަމަ، އެ ހަރަދެއް ކުރަން ވާނީ އެ ކަމަކަށް އެކަނި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެމްއެމްއޭގެ ގާނޫނުގައި އެ އޮތޯރިޓީގެ މައިގަނޑު މަގުސަދުތަކާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ މަސައްކަތާއި ބާރުތައް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތް ނޫން ގޮތަކަށް ދައުލަތުގެ ފައިސާއިން ހަރަދުކުރުން، ދައުލަތުގެ މުދަލެއް ވިއްކާލުން، ނައްތާލުން ނުވަތަ ދޫކޮށްލުމަކީ ހުއްދަ ނޫން އަމަލެއް ކަމަށް އެ ގާނޫނުގެ ދަށުން ބެލެވޭނެ ކަމަށެވެ.

އޭގެ އިތުރުން ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައިވާ ގޮތުން ސަރުކާރުން އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނަގަން ވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް އަދި ގިނަވެގެން 91 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ގޮތަށް ކަމުގައި ޝަމްހީދު ވިދާޅުވި އެވެ. އަދި އެގޮތަށް ފައިސާ ނެގޭނީ އެޑްވާންސްގެ ގޮތުގައި ކަމަށާ އަދި ފައިސާ ނެގޭނީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ 2.5 އިންސައްތައަށް ވުރެ އިތުުރު ނުވާނެ ގޮތަށް ކަމަށް އެ ގާނޫނުގައި ބުނެފައިވާކަން ފާހަގަކުރެއްވި އެވެ.

ގާނޫނުތަކުގައި އެހެން ފާހަގަކޮށްފައި ވިނަމަވެސް އެމްއެމްއޭއިން ފައިސާ ނެގުމުގެ ބޭނުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކިއްޔާތުގައިވާ ބިމެއް އެ އޮތޯރިޓީއަށް ގަތުމުގެ މުއާމަލާތެއް ހިންގުމަށްފަހު، އެ ފައިސާ އެޗްޑީސީ މެދުވެރިކޮށް ސަރުކާރަށް ދިނުމަށް ހުޅުމާލެއިން ބިން ގަތުމަށް އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ގަރާރުގައިވެ އެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި އެމްއެމްއޭގެ އޮފީސް ހިންގުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް އިމާރާތްތަކާއި ބިންތައް ހޯދަން ޖެހޭނެ އެއްވެސް މަގުބޫލު ސަބަބެއް ނޯންނާނެކަން ކަށަަވަރުވާ ކަމަށާ އަދި ކަމުގައި ފޮރުވިފައިވާ ކޮންމެވެސް ކަންތައްތަކެއް އޮތް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމުގަ އެވެ.

މަޖިލިހުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

ވުމާ އެކު އެފަދަ މުއާމަލާތެއް ހިންގައިގެން އެމްއެމްއޭއިން ސަރުކާރަށް ފައިސާ ނެގުމަކީ ފިސްކަލް ޒިންމާގެ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް، އެ ހަމަތަކާއި އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް އެ އޮތޯރިޓީން ސަރުކާރަށް ފައިސާ ނެގުން ކަމުގަ އެވެ. ކަމަކީ މަރުކަޒީ ބޭންކުގެ މިނިވަންކަން ގެއްލި އެ ކަމުގެ ނަތިޖާއެއްގެ ގޮތުން ރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ފަދަ ކަމެއް ކަމަށް ވެސް ސިފަކުރެއްވި އެވެ.

އެ މަސައްކަތަކީ މަޖިލިހުން ފާސްކޮށްފައިވާ ބަޖެޓުގައި ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓަރު ބަޔާންކުރައްވާފައިވާ ކަންކަމާ ހިލާފަށް އެ ކަންކަމުގެ ބޭރުން މަޖިލިހުގެ ހުއްދަ ހޯދުމަކާ ނުލައި ކުރާ ކަމެއް ކަމުގައި ގަރާރުގައި ބުނެފައިވެ އެވެ. އަދި ކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުތައް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވެސް ޝަމްހީދު ވިދާޅުވި އެވެ.

ކަމަކީ ދައުލަތުގެ އަދި އާންމުންގެ މާލީ ކަންކަން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމަކަށް ވުމާ އެކު، ސަރުކާރުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލިހުން ކުރަން ޖެހޭ ކަމަށްވާއިރު، އެކަމުގައި މަޖިލިހުގެ މެމްބަރުން ދެކޭ ގޮތް ދެނެގަތުމަކީ ގަރާރު ހުށަހެޅުމުގެ ބޭނުން ކަމުގައި ފާހަގަކުރެއްވި އެވެ.

އެ ގަރާރު ފުރަތަމަ ކިޔުން އޮތީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. މިއަދުގެ ޖަލްސާގައި ވަނީ ގަރާރަށް ބަހުސްކޮށްފަ އެވެ. އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ އެމްއެމްއޭގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ވިދާޅުވެ، އާންމުންނަށް އޮޅުވާލައިގެން ސަރުކާރުން ފައިސާ ޗާޕުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. ކަމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެ ކަމުގެ ސަބަބުން އިގުތިސޯދީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މެމްބަރުން ފާހަގަކުރި އެވެ.

ވެރިކަން ކުރާ ޕާޓީ، ކޮންގްރެސް ޕާޓީގެ މެމްބަރުން ވިދާޅުވެފައި ވަނީ ފައިސާ ޗާޕުކުރާ ނަމަ އެކަން ކުރާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. ފައިސާ ޗާޕުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް އެ މެމްބަރުން ވަނީ ދޮގުކޮށްފަ އެވެ.

މަޖިލިހަށް ގަރާރު ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނީ އެމްޑީޕީގެ 10 މެމްބަރުންނެވެ. ގަރާރު ބަލައިގަތުމާ ދެކޮޅަށް 46 މެމްބަރަކު ވޯޓު ދިނެވެ.