ބިދޭސީންގެ ފީތަކުން މިހާތަނަށް ނުލިބިވާ 1.6 ބިލިއަން ރުފިޔާ ހޯދައިފި

ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1.6 ބިލިއަން ރުފިޔާ މިހާރު ހޯދާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ފޮރިން ލޭބަ ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަޖީދު ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު، ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފީތަކުން 1.7 ބިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށެވެ. އޭރު ގަވާއިދުން ފީ ދައްކަމުން ދިޔައީ 22.7 އިންސައްތަ މީހުން ކަމުގައި ފާހަގަކުރެއްވި އެވެ.
ވަޒީފާއާބެހޭ ގާނޫނާއި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާތައް ހޯދުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން ގަވާއިދުން ފީ ނުދައްކާ ހާހަކަށް ވުރެ ގިނަ ފަރާތުގެ ނަން އާންމުކުރި އެވެ.
ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކާ ހުރި ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކޭނެ ގޮތް ވަނީ ހަމަޖައްސައިދީފަ އެވެ. ކޮންމެ މަހަކު ވަކި އަދަދެއް ދައްކާ ގޮތަށް ޕްލޭންތަކާ އެކު މިދިޔަ އޮކްޓޫބަރު މަހު އެ ފުރުސަތު ދިނުމުން ފީ ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް މަޖީދު ވިދާޅުވި އެވެ.
މަޖީދު ވިދާޅުވި ގޮތުގައި ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކާ އެކު ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކުގެ 55.4 އިންސައްތަ މިހާރު ގަވާއިދުން ފީތައް ދައްކަމުން އަންނަ ކަމުގަ އެވެ. އެގޮތުން ނުލިބިވާ 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1.6 ބިލިއަން ރުފިޔާ މިހާތަނަށް ހޯދާފައިވާ ކަމުގަ އެވެ. އަދިވެސް 900 މިލިއަނެއްހާ ރުފިޔާ ނުލިބިވާކަން ފާހަގަކުރެއްވި އެވެ.
ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު އަންނަ އޮކްޓޫބަރު މަހަށް ހަމަވާނެ އެވެ. އެހާތަނަށް ފީތައް ނުދައްކައިފި ނަމަ، އެކްސްޕެޓް ޕޯޓަލްގެ ތެރެއިން އެ ފަރާތްތަކަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް މެދުކަނޑާލާނެ އެވެ.
ސަރުކާރުން އަމާޒު ހިފާފައި ވަނީ ދައުރުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށެވެ.
