ވީއައިއޭގެ ޓެކްސީވޭ ޗާލީ އަލުން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިހާރު ބޭނުންކުރަމުންދާ ޓެކްސީވޭ ޗާލީ އަލުން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އެވެ. ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ 3،200 މީޓަރުގެ މި ޓެކްސީވޭ ނިމުމުން މިހާރަށް ވުރެ ރަނގަޅަށް މަތިންދާ ބޯޓާއި ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ. އެގޮތުން ފްލައިޓް ޓަން އަރައުންޑް ވަގުތު މަދުކޮށް، އޮޕަރޭޝަންސް ހަލުވި ވެގެންދާނެ ކަމަށެވެ.
މަޝްރޫއުގެ މަސައްކަތް ފެށުމަށް އިއްޔެ ހުޅުލޭ އައިލެންޑް ހޮޓެލުގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ފަރާތުން ޗާޖް ޑެފެއާޒް ހެ ފެން، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު، ބީޔޫސީޖީގެ ޗެއާމަން ލީ ވެއިޑޮން އަދި އެމްއޭސީއެލްގެ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ވާހަކަދައްވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވަނީ ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރުމަށް ދެމުން އަންނަ އަހައްމިއްޔަތު ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ބީޔޫސީޖީ އާއި އެމްއޭސީއެލް އެކުގައި ވީއައިއޭ ތަރައްގީ ކުރުމުގެ އެކި މަޝްރޫއުތައް ހިންގަމުންދާތާ 10 އަހަރު ވެފައިވާކަން ފާހަގަކުރައްވާ، އެ ކުންފުނީގެ ފަރާތުންދޭ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވި އެވެ.
ބީޔޫސީޖީން ވީއައިއޭގައި ހިންގާފައިވާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ކޯޑް-އެފް ރަންވޭ، ނޫވިލު ސީޕްލޭން ޓާމިނަލް، ވީއައިޕީ/ސީއައިޕީ ޓާމިނަލް، ކާގޯ ޓާމިނަލް އަދި ފިއުލް ފާމް ހިމެނެ އެވެ.
ޓެކްސީވޭ ޗާލީއަކީ ކުރީގެ ރަންވޭ އަދި މިހާރު ޓެކްސީވޭގެ ގޮތުގައި ބޭނުން ކުރަމުންދާ ތަނެވެ. އެ ޓެކްސީވޭއަކީ ސުނާމީގައި ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ތަނެއްކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވި ގޮތުގައި މަތިމަތިން މަރާމާތު ކުރެވެމުން ދިޔަ ނަމަވެސް، ޓެކްސީވޭ އަލުން ބިނާކުރުމުގެ ބޭނުން އޮތީ ބޮޑުވެފައި ކަމުގަ އެވެ. އަލުން ބިނާކުރެވޭ ޓެކްސީވޭއަކީ އެމަޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭ ތަނެއް ކަމުގައި ފާހަގަކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީޔޫސީޖީގެ ޗެއާމަން ލީ ވެއިޑޮން ވިދާޅުވީ އެމްއޭސީއެލް އާއެކުގައި މަސައްކަތް ކުރެވުނު 10 އަހަރު ތެރޭގައި ދެ ކުންފުނީގެ ގުޅުމަކީ ހަމައެކަނި ކޮންޓްރެކްޓަރަކާއި ކްލަޔަންޓަކަށް ވުރެ، އިތުބާރު ބޮޑު ޕާޓްނާޝިޕަކަށް ވެފައިވާ ކަމަށެވެ. ބީޔޫސީޖީގެ ކޮންމެ ޕްރޮޖެކްޓެއް ވެސް ނިންމާފައި ވާނީ ވަރަށް ރަނގަޅު ފެންވަރުގައި ކަމަށާއި މި ޕްރޮޖެކްޓަށް ވެސް އެ ކުންފުނީގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުންގެ ޓީމެއް ނަގާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ޓެކްސީވޭ ޗާލީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބިނާކުރެވުނު އެންމެ ފުރަތަމަ ރަންވޭ އެވެ. އެ ރަންވޭ 1981 ވަނަ އަހަރު ވައިޑް ބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް ވަނީ ތަރައްގީކޮށްފަ އެވެ. އެއަށްފަހު ރަންވޭ ދިގުކޮށް، އެތައް ފަހަރެއްގެ މަތިން މަރާމާތު ކޮށްފައިވެ އެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީއަށްފަހު ރަންވޭއަށް ވަރަށް ބޮޑަށް ގެއްލުންވެ، އަބަދު މަރާމާތު ކުރަން ޖެހޭ ހާލަތަށް ގޮސްފައިވާ ކަމުގަ އެވެ. އެތައް ދުވަހެއްގެ ހިދުމަތަށްފަހު އަލުން ބިނާކުރެވިގެން މި ދަނީ ދިވެހި ގައުމުގެ ތަރައްގީގެ ވަރަށް ގިނަ ސަފްހާތައް ދެކެފައިވާ މުހިންމު ބިނާއެއް ކަމުގައި ފާހަގަކުރި އެވެ.
