ބްރޯޑްކޮމްގެ ނައިބަކަށް ޝިފްލާ އިންތިހާބުކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަނުގެ މެމްބަރު ޝިފްލާ އިބްރާހިމް އިންތިހާބުކޮށްފި އެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި މުހައްމަދު ފަޒީން ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ފަޒީން އިސްތިއުފާ ދެއްވީ އެ ކޮމިޝަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރަމުން ދަނިކޮށެވެ.
ބްރޯޑްކޮމްއިން ފޭސްބުކްގައި އިއްޔެކުރި ޕޯސްޓެއްގައި ވަނީ އެ ކޮމިޝަނުގެ ނައިބު ރައީސަކަށް ޝިފްލާ އިންތިހާބުވުމުން މަރުހަބާ ކިޔާފަ އެވެ. އޭނާއަކީ ތައުލީމާއި ދާއިރާގެ ތަޖުރިބާ އާއެކު މަގާމަށް އެންމެ ގާބިލު އެއް ފަރާތް ކަމުގައި ފާހަގަކޮށްފައިވެ އެވެ. އެ ކޮމިޝަނުގެ މަސައްކަތް ބައްޓަންކުރުމުގައި ޝިފްލާގެ ލީޑަޝިޕާއި ތަޖުރިބާގެ ދައުރު ބޮޑުވާނެ ކަމަށް ވެސް ބްރޯޑްކޮމްއިން ބުނެފައިވެ އެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސަކަށް އިއްޔެ އިންތިހާބުކުރި ޝިފްލާ، އެ ކޮމިޝަނުގެ މެމްބަރުކަަމަށް އައްޔަންކޮށްފައި ވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ.
ޝިފްލާ ނޫސްވެރިކަމުގެ ދާއިރާ އާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރު ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ގެ އެނައުންސަ ޓްރެއިނީއެއްގެ ގޮތުގަ އެވެ. އެފަހުން ޕްރެޒެންޓަރެއްގެ ގޮތުންނާއި ނޫސްވެރިއެއްގެ ގޮތުންނާ އަދި ނިއުސް އެންކަރެއްގެ ގޮތުގައި އެ ސްޓޭޝަނުގައި ގިނަ އަހަރުތަކެއް ވަންދެން އޭނާ ވަނީ މަސައްކަތް ކުރައްވާފަ އެވެ. އޭގެ އިތުރުން ސަންގު ޓީވީގައި ވެސް އޭނާ ވަނީ މަސައްކަތްކުރައްވާފަ އެވެ.
ޝިފްލާ ވަނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓަ އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ހާސިލުކުރައްވާފަ އެވެ.
ބްރޯޑްކޮމްގައި މި ވަގުތު 6 މެމްބަރުން ތިބެ އެވެ. ކޮމިޝަނުގެ ރައީސަކީ ސަފާ ޝަފީގެވެ.
