ގްރީން ޓެކްސްއާއި އެއާޕޯޓް ފީއިން ލިބުނު އާމްދަނީ ބޮޑުތަނުން އިތުރު

ގްރީން ޓެކްސްއާއި އެއާޕޯޓް ޑިވޮލޮޕްމަންޓް ފީއިން ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން އިތުުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންުމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ވަނީ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 8.8 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރު އެ މިންވަރު ހުރީ އަށް ބިލިއަން ރުފިޔާގަ އެވެ.
މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މިދިޔަ މަހުގެ 20އާ ހަމައަށް އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ މުދަލާއި ހިދުމަތުގެ ޓެކްސްއިންނާއި އެއާޕޯޓް ތަރައްގީކުރުމަށް ނެގޭ ފީ އިންނެވެ.
އެގޮތުން އާމްދަނީގެ ގޮޮތުގައި ގްރީން ޓެކްސްއިން މިދިޔަ މަހުގެ 20 އާ ހަމައަށް 401 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނީ 233 މިލިއަން ރުފިޔާ އެވެ.
މިދިޔަ މަހުގެ 20 އާ ހަމައަށް އެއާޕޯޓް ޑިވޮލޮޕްމަންޓް ފީގެ ގޮތުގައި 340 މިލިއަން ރުފިޔާ ލިބުނެވެ. މިިދިޔަ އަހަރު އެ މުއްދަތުގައި ލިބުނީ 233 މިލިއަން ރުފިޔާ އެވެ.
މިދިޔަ މަހުގެ 20 އާ ހަމައަށް ދައުލަތުގެ ހަރަދުގެ ގޮތުގައި ހިނގާފައިވަނީ 7.6 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ހަރަދުގެ ގޮތުގައި 8.9 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. މި އަހަރުގެ ހަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ މުވައްޒަފުންނަށް ހިނގާ ހަރަދާއި، އާސަންދައާއި ސަބްސިޑީގެ ބައިންނެވެ.
ދައުލަތުގެ ޖުމުލަ ހަރަދު މިދިޔަ އަހަރާ އަޅައިބަލާއިރު މި މުއްދަތުގައި ކުޑަ ނަމަވެސް، މިއަހަރުގެ ޖުމުލަ ބަޖެޓު ބޮޑުވެފައިވަނީ ހަރަދުގެ ގޮތުގައި ނުހިމެނޭ ލޯނާއި އިންޓްރެސްޓަށް ކުރާ ހޭދަ ބޮޑުވެފައިވާތީއެވެ. މީގެ ތެރޭގައި މިދިޔަ މާރިޗު މަހު ކާގިލް ފައިނޭންޝަލް ސަރވިސަސް އިންޓަރނޭޝަނަލް އަށް އަނބުރާ ދައްކާފައިވާ 100.0 މިލިއަން ޑޮލަރުގެ ލޯނާއި އިންޓްރެސްޓްވެސް ހިމެނެއެވެ.
