އިމްޕޯޓް އެކްސްޕޯޓް ޑިޖިޓަލް ޕްލެޓްފޯމް "ޓްރޭޑިއަން" ބޭނުންކުރަން ފަށަނީ

ރާއްޖެއަށް މުދާ އިމްޕޯޓްކުރާ އަދި އެކްސްޕޯޓްކުރާ ފަރާތްތަަކަށް ފަސޭހަކަމާ އެކު އެއް ޕްލެޓްފޯމަކުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަރުމާކުރި ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" އަންނަ އާދިއްތަ ދުވަހު ބޭނުން ކުރަން ފެށުމަށް ނިންމައިފި އެވެ.
ވިޔަފާރިވެރިންނަށް ހިދުމަތްދޭ އިދާރާތައް އެއް ވިއުގައަކުން ގުޅުވައިދޭ ޕްލެޓްފޯމް "ޓްރޭޑިއަން" ރަސްމީކޮށް އިފުތިތާހުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރޭ ނެރުނު އިއުލާނެއްގައި ބުނީ މިދިޔަ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތަށް، އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ބޯޑަރުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް އެއް ވިއުގައަކުން ގުޅާލުމަށް އުފައްދާފައިވާ "ޓްރޭޑިއަން" ޕްލެޓްފޯމް އަންނަ އާދިއްތަ ދުވަހުން ފެށިގެން ރަސްމީކޮށް ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ.
ޓްރޭޑިއަން ބޭނުންކުރަން ފެށުމާ އެކު، އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ބައެއް ހިދުމަތްތައް އެ ޕްލެޓްފޯމަށް ބަދަލުކުރެވޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ. އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިއުލާނުގައި ފާހަގަކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދޭނީ ހަމައެކަނި ޓްރޭޑިއަން މެދުވެރިކޮށް ކަމަށް އެ ކުންފުނިން ފާހަގަކުރި އެވެ.
އެމްޕީއެލުން ބުނީ ފުރަތަމަ މަރުހަލާގެ ދަށުން އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީކުރުމާއި ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުން (އީޓީއޭ) އަދި ސީ ކާގޯ އިމްޕޯޓް މެނިފެސްޓް ހުށަހެޅުން ޓްރޭޑިއަންއަށް ބަދަލުކުރެވޭނެ ކަމަށެވެ.
ނޭޝަނަލް ސިންގަލް ވިންޑޯ މަޝްރޫއަކީ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާ އަދި ކަމާ ގުޅޭ އިދާރާތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ.
