ޝިޔާމް ޖަމީލުއަށް: ސުވަރުގެ ދެއްވަނީ ﷲ، އެއީ ކަންމަތިތަކުން ނިންމާ ކަމެއް ނޫން

ސުވަރުގެ ދެއްވަނީ ﷲ ކަމަށާއި އަދި އެއީ ކަންމަތިތަކުން ނިންމާ ކަމެއް ނޫން ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް މިއަދު ރައްދު ދެއްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުއަށް އިޝާާރާތް ކުރައްވައި ޖަމީލު ވިދާޅުވީ "މަކަރު ހަދާ މީހުންނަށް ސުވަރުގެ ހަރާން ކަމަށް" ހަދީސްގައިވާ ކަމަށެވެ
ޖަމީލުގެ ވާހަކަތަކާ ގުޅިގެން ޝިޔާމް އެކްސްގައި މިއަދު ވިދާޅުވީ ޖަމީލު ސިޔާސީވިޔަސް މީ ފުކެއް ބޮޑުވަރު ކަމަށެވެ. އަދި ހެޔޮ ޢަމަލު ކުރުންމަތީ ދެމި ތިބޭބަޔަކަށް ސުވަރުގެ ދެއްވަނީ ﷲ ކަމަށާއި، އަޅުގަނޑުމެން އުނގެނި ގަބޫލުކޮށްގެން ތިބީވެސް އެގޮތަށް ކަމަށެވެ.
"އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން. ތެދުމަގު ދައްކަވާށި."ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އަދި ޖަމީލު މިހާރު ހުންނެވީ ކަންމަތިން މައިކެއް އަތުޖެހުނަސް ހޭބުއްދިފިލާ ދުނިޔެރަންވެފަ ހުރި ހިސާބަށް ގޮސްފައި ކަމަށެވެ.
"ފިއްތާލައްވާފަވިޔަސް ކޮންމެރެޔަކު އަވަހާރަފުޅު ލައްޕަވާއިރު 2023 ގައި ރައްޔިތުން އިންތިހާބުކުރެއްވި ވެރިޔަކީ ޑރ. މުއިއްޒޭ ހިތްޕުޅަށް ގެންނެވީމަ ބޮޑުތަނުން ރަނގަޅުވާނެ. ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް الله ދެއްވާ އެއްޗެއް." ޝިޔާމް ވިދާޅުވި އެވެ.
