ޚަބަރު

އިމާރާތުން އަންހެނަކު ވެއްޓުނު މައްސަލާގައި ނުފޫޒެއް ނުފޯރުވަން: މިނިސްޓަރު އަމީން

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސްގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މަައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި ފުލުހުން ހިންގަމުންދާ ތަހުގީގަށް އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ޓްރާންސްޕޯޓް މިިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

Ads by STELCO

ވެއްޓިފަައި އޮއްވާ ފެނުނު އަންހެން ޒުވާނާ އެ ރޭ އެންމެ ފުރަތަމަ ދިޔައީ އަމީން ދިރިއުޅޭ އިމާރާތަށެވެ. އެ އިމާރާތުން އަންހެން ޒުވާނާއާއި އިތުރު ތިން މީހަކު ނުކުތީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވެ އެވެ.

ފުލުހުން ދީފައިވާ މައުލޫމާތު:

  • މާލޭގެ މެދުތެރޭގެ ސަރަހައްދެއްގައި ހުންނަ ގެއަށް (އަމީން ދިރިއުޅޭ ގެއަށް) ވަދެފައި ވަނީ މެންދަމު 12:30 އެހައިކަންހާއިރު
  • އިސްވެދެންނެވި ގެއިން ނުކުމެފައިވަނީ ފަތިހު 3:40 އެހައިކަންހާއިރު
  • އޭގެ ތެރެއިން 4 މީހަކު، ހެންވޭރު އަމީނީމަގު ގައި ހުންނަ ގެއަކަށް ވަދެފައި ވަނީ 4:00 އެހައިކަންހާއިރު. އެ ގެއިން ނުކުމެފައި ވަނީ އޭގެ 10 ވަރަކަށް މިނިޓް ފަހުން.
  • އެއަށްފަހު، ވެއްޓުނު އަންހެން މީހާއާއި އިތުރު ފިރިހެނަކު ގޮސްފައިވަނީ އެ ހާދިސާ ހިނގި ގެއަށް

މި މައްސަލާގައި އަމީން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރެވޭއިރު އެ ތުހުމަތުތަކަށް ފުރަތަމަ ފަހަރަށް ޖަވާބު ދެއްވުމުގެ ގޮތުން އަމީން 'އެކްސް'ގައި ޕޯސްޓެއް ކުރެއްވި އެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން 21 އަހަރުގެ ޒުވާން އަންހެނާއަށް، ދިރިހުރުމަށްޓަކައި ހަނގުރާމަ ކުރަމުން އަންނަ އިރު، އެ އަންހެން މީހާއަށް ފުރިހަމަ އަދި އަވަސް ޝިފާއަކަށް އެދި ދުއާކުރަމެވެ." އަމީންގެ ޕޯސްޓް ފެށީ މިފަދަ ގޮތަކަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނިމި ހުކުރު ދުވަހުގެ ފަތިހު އަޅުގަނޑު ދިރިއުޅޭ ޢިމާރާތުގައި އެއްވެ އުޅުނު ކަން އަމީން ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް އަމީންގެ އިތުރުން އެނާގެ ތިން އެއްބަނޑު އެއްބަފާ ތިން މީހުނާއެކު މިލްކުވާ އިމާރާތަކަށްވީއިރު މި ޒުވާނުން އެއްވެ އުޅުނީ އަމީނާ ގުޅުން ހުރި ބަޔަކު ނޫން ކަމަށް ވިދާޅުވި އެވެ.

"މި ގެދަރިންގެ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ނެތް. އަދި އަޅުގަނޑުގެ ގެއިން ބޭރުގައި ނުވަތަ އެޕާޓްމަންޓުން ބޭރުގައި ހިނގާ ކަންކަން ކޮންޓްރޯލެއް ނުކުރެވޭނެ،" އަމީނަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރައްވަމުން ލިއުއްވި އެވެ.

މި އެއްވުމުގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ޒުވާނަކު ބައިވެރިވި ކަމަށާއި ފުލުހުން އެ މީހުންނާ ސުވާލުކޮށްފައިވާ ކަން ވެސް އަމީން ފާހަގަ ކުރައްވާފައިވެ އެވެ.

"މިއަދާ ހަމައަށްވެސް އަޅުގަނޑު އެންމެ ފޯން ކޯލެއްވެސް ނުކުރަން. ނުވަތަ ޤާނޫނު ތަންފީޛުކުރާ އިދާރާގެ ތެރެއިން ނުވަތަ ސަރުކާރާއި، އަދި އެހެން ފަރާތަކަށްވެސް ގުޅައިގެން  މިދެންނެވި މައްސަލައާ ގުޅޭ ތަހުގީގުގެ އަޕްޑޭޓް ހޯދުމަށް، ނުވަތަ އެއްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވުމަށް ޓަކައި،" އަމީން ވިދާޅުވި އެވެ.