އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލައިފި

އައްޑޫ ސިޓީ، ހިތަދޫގައި ހުންނަ ވެމްކޯ އިމާރާތް ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ފުރޮޅާލައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރުގެ ފުރޮޅުތައް ވަކިވެފައިވާއިރު، ކަޅުކުލައިގެ އެ ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ދެން" އަށް ވިދާޅުވީ ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެ، ފުރޮޅާލައިގެން އެކްސިޑެންޓުވި މައްސަލަ ރިޕޯޓުކޮށްފައި ވަނީ ރޭ ފަތިހު 3:50 ހާއިރު ކަމަށެވެ.
ކާރު ދުއްވަންއިން މީހާއަކީ ލައިސެންސް އޮތް މީހެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އެކްސިޑެންޓާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ނުވާކަން ފާހަގަކުރި އެވެ.
ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
