ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޖޭއެސްސީން މިރޭ ބައްދަލުވުމެއް ބާއްވަނީ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކި ކުރުމާ މެދު ގޮތެއް ނިންމުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.
ޖޭއެސްސީން ބަލަމުން އައި މައްސަލައަކީ މަސާޖު ޕާލާއަކުން އަޒްމިރާލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރާލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ.
މައްސަލައިގެ އަޑުއެހުންތައް ފަށާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ. އެ މައްސަލަ އާ ގުޅިގެން ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް މައްސަލަ ތަހުގީގުކުރި ކޮމިޓީން ވަނީ ނިންމާފަ އެވެ.
ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވާ ގޮތަށް ފަނޑިޔާރުން މަގާމުން ވަކި ކުރުމާ މެދު ގޮތް ނިންމުމަށް ޖޭއެސްސީން މިރޭ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާކަން ވަނީ އެނގިފަ އެވެ.
މި މައްސަލައިގެ އިތުރުން އަޒްމިރާލްދާ އާއި މަހާޒު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލައެއްގައި ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުއޫދު ހުތުރުބަހުން ވާހަކަ ދެއްކެވިއިރު ދެ ފަނޑިޔާރުން ތިއްބެވި މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އަޒްމިރާލްދާގެ ދިފާއުގައި އޭނާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސް ބަޔާން ނެރުއްވުމަކީ ފަނޑިޔާރު މީޑިއާތަކާ ވާހަކަ ދައްކައި ހިނގަމުންދާ މައްސަލައަކަށް މައްސަލައިގެ ބޭރުން ރައްދު ދިނުން ކަމަށް ބެލެވޭ ސުލޫކީ މައްސަލައެއް ގޮތަށް ދަނީ ބަލަމުންނެވެ.
އަޒްމިރާލްދާ އާއި މަހާޒު މަގާމުން ސަސްޕެންޑްކޮށްފައި ވަނީ ކްރިމިނިލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. މައްސަލަ އާ ގުޅޭ ތަފުސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
އަޒްމިރާލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ. މައްސަލަ އޭސީސީގައި ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
އެ މައްސަލައިގެ އިތުރުން ޝާމިލް ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކުރައްވާ ފުލުހަށް ވެސް މައްސަލައެއް ހުށަހެޅުއްވި އެވެ. އެހެން ނަމަވެސް މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.
ފަނޑިޔާރުން ސަސްޕެންޝަނުގައި ތިއްބަވާތާ ދެ މަސް ދުވަސް ވަނީ ވެފަ އެވެ. މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައިވަނިކޮށެވެ.
