ފުލުހުން ގެންދިޔަ ސިނގިރެޓްތައް ކުންފުންޏާ ހަވާލުކުރަން ކޯޓުން އަންގައިފި

މާލޭގައި ކުންފުންޏަކުން ވަގަށް ސިނގިރެޓް އުފައްދަނިކޮށް ރެއިޑްކޮށް ފުލުހުން އަތުލައިގަތް ސިނގިރެޓްތައް އެ ކުންފުންޏާ ހަވާލުކުރަން ކްރިމިނަލް ކޯޓުން އަންގައިފި އެވެ.
ހ. ހުޅުގަލީގައި ހުންނަ އެޕާޓްމެންޓެއްގައި ހިންގަމުން ދިޔަ އޮފީހެއްގައި ވަގަށް ސިނގިރޭޓް އުފައްދަމުން ދަނިކޮށް ފުލުހުން ރެއިޑްކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ ފަހަރު އެތަނުން 103 ކާޑުބޯޑު ފޮށީގެ ސިނގިރޭޓް އަތުލައިގަތެެވެ. އެއީ 49،000 ފޮށީގެ ސިނގިރޭޓެވެ.
ނަމަވެސް އެތަކެތި ހަވާލުކޮށްދިނުމަށް އެދި ރެޑިއަސްއިން އޮތީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ ކުންފުނިން ހުށަހެޅި މައްސަލައިގައި ބުނީ އެ ތަކެއްޗަކީ ސިނގިރެޓް އުފެއްދުން ގާނޫނުން މަނާކުރުމުގެ ކުރިން 13 ނޮވެމްބަރު 2024ގައި އުފެއްދި ތަކެތި ކަމަށެވެ.
އަދި އެ މުދަލަކީ ކުށަކާއި ގުޅުން ހުރި ތަކެތިކަމަށް އިންޓެލިޖެންސް މަޢުލޫމާތު ފިޔަވައި އިތުރު ހެއްކެއް ހޯދިފައިނުވާކަމަށް ބުނެ އެ ތަކެތި ހަވާލުކޮށްދިނުމަށް ރެޑިއަސްއިން އޮތީ ހުށަހަޅައިފަ އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމްގައި ބުނެފައިވާ ގޮތުގައި ފުލުހުން ހިފަހެއްޓި ސިނގިރެޓަކީ 13 ނޮވެމްބަރުގެ ފަހުން އުފެއްދި ތަކެތި ކަމަށް ފުލުހުން އޮތީ ހެކިވެސް ހުށަހަޅައިފަ އެވެ. އަދި އެ ތަކެތީގެ ފޮރެންސިކް ތަހުލީލުކުރުމަށްޓަކައިވެސް އެ ތަކެތި ހިފަހައްޓަން ބޭނުންކަމަށް ވެސް އޮތީ ބުނެފަ އެވެ.
އެހެންވެ އެކަންކަމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ނެރުނު ހުކުމުގައި ވަނީ ރެޑިއަސްގެ މައްޗަށް ވަކި ޝަރުތުތަކެއްކޮށް ހިފެހެއްޓި މުދާ އެ ފަރާތަށް ދޫކުރުމަށް ހުކުމްކޮށްފަ އެވެ.
އެ ޝަރުތުތަކުގެ ތެރޭގައި
- މުދާ ދޫކުރެވޭ ހާލަތުގައ،ި ހިފެހެއްޓިފައިވާ މުދަލުގެ ފޮރެންސިކް ތަޙުލީލު ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފުލުހުންނަށް އެއްބާރުލުން ދިނުން
- ހިފެހެއްޓިފައިވާ މުދާ ވިއްކުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަ / ލައިސެންސް ހޯދުމަށްފަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމުން މުދާ ދޫކުރުން
- މުދާ ދޫކުރާ ހާލަތުގައި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުއާއި ހިލާފް އެއްވެސް އަމަލެއް ނުކުރުމަށް؛
މުދާ ދޫކުރެވެންދެން ނުވަތަ މުދަލާއި މެދު ވަކިގޮތަކަށް ޢަމަލުކުރެވެންދެން މުދަލުގެ އަގު ނުގެއްލޭނެހެން
ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ވެސް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
